ޚަބަރު

ފާއިޒް ރައީސަށް: ނަން ހުށަހެޅުއްވީތީ ޝުކުރިއްޔާ، މިވަގުތު ވާހަކަ ދެއްކުން ރަނގަޅު ނޫން!

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ނަން ހުށަހެޅުއްވީތީ ޝުކުރު އަދާ ކުރާ ކަމަށާއި އިތުރު ވާހަކައެއް ދެއްކުން މިވަގުތަށް ރަނގަޅު ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެއެވެ.

ފާއިޒު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ނަން ޚިޔާރު ކުރެއްވީތީ، ރައީސުލްޖުމްހޫރިއްޔާ އަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އިތުރު ވާހަކަދެއްކުން މިވަގުތު ރަނގަޅު ނޫން ކަމަށްވެސް ފާއިޒު ވިދާޅުވިއެވެ.

ޖޭއެސްސީން މިއަދު ބުނީ ފާއިޒަކީ މީގެކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމު އަދާކުރެއްވިއިރު އެ ކޯޓުން ނިންމާފައިވާ ގާނޫނާ ހިލާފު އަދި ސުޕްރީމް ކޯޓުގެ އިހުތިސާސްގެ ބޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހުތިސާސުގެ ތެރެއަށް ވަދެ ނިންމާފައިވާ ނިންމުންތަކުގައި ބައިވެރިވެ ވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ.

އެހެންކަމުން ފާއިޒު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނުފެންނަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އެރުވުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

އަހްމަދު ފާއިޒު ހުސައިނަކީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީގެ ދަށުން ސުޕްރީމް ކޯޓު އުފެއްދި ދުވަހުން ފެށިގެން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!