ކުޅިވަރު

ޔުނައިޓެޑްގެ ހުށަހެޅުން ކްލޮޕް ގަބޫލުނުކުރީ އޭނާގެ އަންހެނުން ބުނެގެން!

ދެން އެމްވީ ، ދެން އޮންލައިން

ޔާގެން ކްލޮޕަކީ މިހާރު އިނގިރޭސި ފުޓްބޯޅައިގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ ކޯޗެކެވެ. 2015ގައި ލިވަޕޫލާއި ހަވާލްވެ އޭނާވަނީ އެކުލަބަށް ފަހުގެ ތާރީޚެއްގައި ހޯދި އެންމެ ބޮޑެތި ކާމިޔާބީތައް ހޯދައިދީފައެވެ.

Ads by MWSC

30 އަހަރުގެ ފަހުން ލިވަޕޫލުން ފުރަތަމަ ފަހަރަށް އިނގިރޭސި ފުރަތަމަ ޑިވިޝަންގެ ތަށި ހޯދުމުގެ މޭސްތިރިއަކީ ކްލޮޕެވެ. އޭނާ ކޯޗުކަމާއި ހަވާލްވެ ކުރި ވައުދުތަކުގައި ހިމެނެނީ 4 އަހަރުގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ކުލަބުން ހޯދުމެވެ. މިގޮތުން އޭނާވަނީ ޔުއެފާ ޗެމްޕިއަންސް ލީގުވެސް އެކުލަބަށް ހޯދައިދީ ދުނިޔޭގެ ކުލަބު ފުޓްބޯޅަ މުބާރާތްވެސް އެކުލަބަށް ހޯދައިދީފައެވެ.

އެހެންނަމަވެސް ލިވަޕޫލާއި ގުޅުމުގެ ކުރިން ކްލޮޕަށް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑުން ހުށަހެޅުން ލިބުނެވެ. 2013ވަނަ އަހަރު ޔުނައިޓެޑުން އެކުލަބުގެ ކޯޗަކަށް ކްލޮޕް ގެންދަން ކުރި މަސައްކަތުގެ ހުރަހަކަށްވީ ކްލޮޕްގެ އަންހެނުންނެވެ.

ޔުނައިޓެޑަށް 26 އަހަރު ކޯޗުކަންކޮށްދިނުމަށްފަހު ކޯޗުކަމުން ސަރ އެލެކްސް ފާގަސަން ރިޓަޔާކުރުމާއިއެކު އެކުލަބުގެ ވެރިން ބޭނުންވީ ފާގަސަންގެ މަގާމަށް ކްލޮޕް ގެނައުމަށެވެ. ބްރޫޝިޔާ ޑޯޓްމުންޑްގައި ރަނގަޅު ކާމިޔާބީތަކެއް ހޯދި ކޯޗަށް ރަނގަޅު ހުށަހެޅުމެއް ލިބުނުނަމަވެސް އޭނާގެ އަންހެނުން ބުނީ ކްލޮޕަށް އެންމެ އެކަށީގެންވާ ކުލަބަކީ ޔުނައިޓެޑް ނޫންކަމަށެވެ.

އޭގެ ދެ އަހަރު ފަހުން ލިވަޕޫލުން ހުށަހެޅުން ލިބުމާއިއެކު ކްލޮޕް އެކުލަބަށް ސޮއިކުރުމުގައިވެސް އަންހެނުންގެ ނުފޫޒު ބޮޑެވެ. ޔުނައިޓެޑާއި އެންމެ ވާދަވެރި ކުލަބަށް ކްލޮޕް ސޮއިކުރީ އަންހެނުން އެ ހުށަހެޅުމަށް ވަގުތުން އެއްބަސްވުމުންނެވެ.

މީޑިޔާ ރިޕޯޓްތަކުން ބުނާ ގޮތުން ކްލޮޕްވަނީ ދެ ފަހަރެއްގެ މަތިން ޔުނައިޓެޑަށް ނޫނެކޭ ބުނެފައެވެ. 2014ގައި ލުއި ވެންޚާލް ޔުނައިޓެޑާއި ހަވާލްވިއިރުވެސް އެކުލަބުން ކްލޮޕް ގެނެވޭތޯ މަސައްކަތްކުރިއެވެ. އެފަހަރު ޔުނައިޓެޑަށް ނޫނެކޭ ބުނުމުގައި އެހެންކަންތައްތަކެއް ހިމެނޭކަމަށް ބެލެވެއެވެ. ކްލޮޕަކީ ހަވާލްވާ ކޮންމެ ކުލަބެއްގައިވެސް ބޭނުންވާ ކުޅުންތެރިން ގަތުމުގެ މިނިވަންކަން ބޭނުންވާ ކޯޗެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!