އަންހެނަކު ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: އިދިކޮޅު
ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އެ ސަފާރީ އިން 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން، އެ ދެމީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި މައްސަލައާ ގުޅިގެން ކުށުގެ ވެށިން ދެ މީހަކު ހައްޔަރުކުރުމަށްފަހު އެ ދެ މީހުން ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ރޭޕްކުރުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކަކީ އެންމެ ނުބައި މުޖުރިމުން ކަމަށެވެ.
"ގާނޫނުލް އުގޫބާތުގައި އެފަދަ ފަރާތްތަކަށް ދިނުމަށް ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭ. މިކަމުގައި ވަކި އާއިލާއަކަށް ނުވަތަ މަގާމަކަށް ނުވަތަ ވަކި ފަރާތަކަށް ބެލުމެއް ނެތި ގާނޫނު ތަންފީޒު ކުރެވެންޖެހޭ. މިފަދަ ލާއިންސާނީ، އަނިޔާވެރި އަމަލު ހިންގާ މީހުންނަކީ އެއްގޮތަކަށް ވެސް މުޖުތަމައުގެ ތެރެއަށް ދޫކުރެވިފައި ތިބެގެން ވާނެ ބައެއް ނޫން" އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ފަހަކަށް އައިސް ރާއްޖޭގައި ރޭޕްގެ ޝިކާރަކައަށްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށްވެސް އިދިކޮޅުން ބުންޏެވެ. މިފަދަ އަމަލުތައް ހުއްޓުވޭނީ ކަމާބެހޭ މުއައްސަސާތަކުން ވެސް ފުރިހަމައަށް ޒިންމާ އަދާކޮށްގެން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ރާއްޖެ އައިސް އުޅޭ ފަތުރުވެރިންނަށް މިފަދަ ލާއިންސާނީ އަމަލު ހިންގުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް ވެސް ގެއްލުން ކުރިމަތިވާނެ ކަމެއް ކަމަށްވެސް ބުނެފައެވެ. އެހެންކަމުން މިކަން ކުރި ބަޔަކަށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށާއި އަދި މި އަމަލު ހިންގި ފަރާތްތަކުގެ ހަގީގަތް ހާމަކުރުމަށް ވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.