ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފި
މި އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިއޮތް ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފިއެވެ.
މި އަހަރު ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފަސްކުރީ، ކޮވިޑާ ގުޅިގެން ސިއްހީ އާއްމު ހާލަތު ހުރި ގޮތުން މި އަހަރު މުބާރާތް ބޭއްވޭނެކަމަށް ބަންގްލަދޭޝް އިން ބުނުމާ ގުޅިގެންނެވެ.
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކުރީ، ހޯމަ ދުވަހު ސާފުގެ މެންބަރު ގައުމުތަކުގެ ސެކެއްޓްރީ ޖެނެރަލުންނާއި އެކު ބޭއްވުނު ވީޑިއޯ ކޮންފަރެންސް ބައްދަލުވުމެއްގައި އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު އެވެ. ކުރިން ކަނޑައަޅާފައި އޮތީ މި އަހަރުގެ ސެޕްޓެމްބަރު މަހު ޑާކާގައި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވާށެވެ. މުބާރާތް އަންނަ އަހަރަށް ފަސްކުރަން ނިންމި ނަމަވެސް މުބާރާތް ބާއްވާނެ ތާރީހެއް އަދި ކަނޑަނާޅަ އެވެ.
ސާފުގެ ސެކެއްޓްރީ ޖެނެރަލް އަންވަރުލް ހައްގާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ދެން މުބާރާތް ބާއްވަން ގަސްދުކުރާ ތާރީހެއް ޖުލައި މަހުގެ ތެރޭގައި ނިންމަން ސާފުގެ އެކްސްކޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރީ ދިވެހިރާއްޖެ އެވެ. އެ އަހަރު ބަންގާޅުގައި އޮތް ސާފު ޗެމްޕިއަންޝިޕް ރާއްޖޭން ކާމިޔާބުކުރީ ފައިނަލްގައި އަވަށްޓެރި އިންޑިޔާ ބަލިކޮށްގެނެވެ.
.