"ބޮޑު ތަފާތަކުން ލިވަޕޫލް ލީގު ހޯދުމުން ގާޑިއޯލާ ހުރީ މާޔޫސްވެފައި"
އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލުން ހޯދީ އެއްވަނައިގައި ބޮޑު ތަފާތެއްގެ ލީޑެއްގައި އޮވެއެވެ. ސީޒަން ފެށި ގޮތަށް އެއްވަނަ މަގާމަށް އެރި ލިވަޕޫލް ފަހަތަށް ޖައްސާލަން މިދިޔަ ދެ އަހަރުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް މާބޮޑުކަމެއް ނުކުރެވުނެވެ.
30 އަހަރަށްފަހު ލިވަޕޫލުން އިނގިރޭސި ފުރަތަމަ ޑިވިޝަންގެ ތަށި ހޯދީ ގިނަ ރެކޯޑްތަކަކާއިއެކުގައެވެ. ބާކީ ހަތް މެޗު އޮއްވައި ލިވަޕޫލުން ލީގު ކަށަވަރުކުރުމަކީ ރެކޯޑެކެވެ. އަދި ބާކީ ހުރި މެޗުތަކުން މޮޅުވެ ރެކޯޑު އަދަދެއްގެ ޕޮއިންޓް ހޯދުމާއި، އެންމެ ގިނަ މެޗުން މޮޅުވުމުގެ އިތުރުން އެންމެ ބޮޑު ފަރަގަކުން ލީގު ކާމިޔާބުކުރި ޓީމަށްވުމުގެ ފުރުސަތުވެސް ލިވަޕޫލަށް އެބައޮތެވެ.
މި ސީޒަންގައި ކަންތައްތައްވި ގޮތުން އެންމެ ބޮޑަށް މާޔޫސްވެފައިވަނީ މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއެވެ. ގާޑިއޯލާގެ ސިޓީން ޕްރިމިއަރ ލީގުގެ ތަށި ޖެހިޖެހިގެން ތިން ފަހަރު ހޯދަން ނިކުތްނަމަވެސް އެޓީމަށް ސީޒަންގެ ކުރީކޮޅުގައިވެސް ގިނަ އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނެވެ. ލީގުގެ ފުލުގައި އޮތް ބައެއް ޓީމްތައް އަތުން މޮޅު ނުވެވި ލިވަޕޫލުން އައީ އެއްވަނައިގައި ލީޑް ދަމަހައްޓަމުންނެވެ. ބާކީ ހަތް މެޗު އޮއްވާ ލިވަޕޫލަށް ތަށި ޔަގީންވީވެސް ސިޓީ ޗެލްސީ އަތުން ބަލިވުމުންނެވެ.
ބޮޑު ތަފާތަކުން ލިވަޕޫލުން ތަށި ނެގުމުން ގާޑިއޯލާ މާޔޫސްވާ އަނެއް ސަބަބަކީ މިއީ އޭނާގެ ކެރިއަރުގައިވެސް އެންމެ ދަށް ސީޒަނަށްވުމެވެ. މިހާތަނަށް އޭނާ އިރުޝާދުދިން ޓީމެއް ސީޒަނެއްގައި ލީގުގެ އަށް މެޗުން ބައްޔެއް ނުވެއެވެ. އަނެއްކޮޅުން މިހާ ބޮޑު ތަފާތެއް އެއްވަނައިގައި އޮތް ޓީމާއި ދެމެދަކު ނެތެވެ.
ގާޑިއޯލާގެ ގާތް މީހުންނާއި ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ލިވަޕޫލުން ތަށި ނެގުމުން އެންމެ ބޮޑަށް މާޔޫސްވެ ދެރަވީ ގާޑިއޯލާއެވެ. ސަބަބަކީ އޭނާގެ ކެރިއަރުގެ އެންމެ ދަށް އެއް ސީޒަނަށް މި ސީޒަންވުމެވެ.
ގާޑިއޯލާގެ އެކުވެރިން ބުނާ ގޮތުން ސީޒަންގެ ބާކީ އޮތް ބައިގައި ޗެމްޕިއަންސް ލީގުގެ މެޗުތައްވެސް ކުޅެން އޮތުމުން ގާޑިއޯލާގެ މިހާރުގެ އަމާޒަކީ ލީގުގެ ދަށް ނަތީޖާތަކުން ލިބުނު މާޔޫސްކަމުން އަރައިގަތުމަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ. އަދި މިކަމަށް އޭނާ ވަރަށް ބޮޑަށް ތައްޔާރުވެ ކުޅުންތެރިންނާއިއެކުވެސް މިކަންކަން ހިއްސާކުރަމުން އަންނަކަމަށް އިނގިރޭސި މީޑިޔާތަކުން ރިޕޯޓްކުރެއެވެ.
ޔޫރަޕްގެ އެންމެ ބޮޑު ކުލަބު ފުޓްބޯޅަ މުބާރާތްކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ބާކީ ހުރި މެޗުތައް ކުޅެން ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ ތެރޭގައެވެ.