ކުޅިވަރު

"ކޮންމެ ލީގެއްގައި ކުޅުނަސް ރޮނާލްޑޯ ތަށި ހޯދާނެ"

ދެން އެމްވީ ، ދެން އޮންލައިން

ކްރިސްޓިއާނޯ ރޮނާލްޑޯއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފޯވާޑެވެ. ފުޓްބޯޅައިގެ ގިނަ ރެކޯޑްތަކެއް އޭނާގެ އަތުގައި އޮތްއިރު، ރޮނާލްޑޯ ހޯދާފައިވާ ކާމިޔާބީތަކާއި ހަމައަށް އެހެން ކުޅުންތެރިއަކަށް ދިޔުމަކީ ފަސޭހަކަމެއް ނޫނެވެ.

Ads by MWSC

ރޮނާލްޑޯއަކީ އޭނާއާއިއެކު ކުޅޭ ކުޅުންތެރިންގެ މެދުގައި މަގުބޫލު ކުޅުންތެރިއެކެވެ. އޭނާގެ އެކުވެރިން އެންމެ ބޮޑަށް ރޮނާލްޑޯ ފާހަގަކުރަނީ އަބަދުވެސް ބުރަކޮށް މަސައްކަތްކޮށް މޮޅުވުމަށް ހިތްވަރުކުރާ ކުޅުންތެރިއެއް ގޮތުގައެވެ.

ޕޯޗުގަލްގެ ކުރީގެ ޑިފެންޑަރު އަބެލް ހަވިއޭ ބުނެފައިވަނީ ރޮނާލްޑޯ ދާ ކޮންމެ ޓީމެއްގައިވެސް އޭނާ ކާމިޔާބީ ހޯދާނެ ކަމަށެވެ. އިންޑިވިޖުއަލް އެވަރޑްތަކާއި ޓީމަށް ލިބޭ ކާމިޔާބީތައްވެސް ރޮނާލްޑޯ ހުންނަ ޓީމަކަށް ލިބޭނެއެވެ. އަދި އޭނާ ފާހަގަކުރަނީ ރޮނާލްޑޯއަކީ އަބަދުވެސް "ކޮންފޯޓް ޒޯނުން" ބޭރުގައި ކުޅެން ބޭނުންވާ ކުޅުންތެރިއެއް ގޮތަށެވެ.

"ރޮނާލްޑޯ ބޭނުމެއް ނުވާނެ އަބަދު އެއް ޓީމަކާއިއެކު މޮޅުވާން، އަބަދު އެއް ޓީމަކާއިއެކު ތަށި ހޯދަން އޭނާ އެހާ ގަޔާ ނުވާނެ. ރޮނާލްޑޯ ބޭނުންވާނީ އަބަދުވެސް ޗެލެންޖެއް. ޗެލެންޖިންގ ލީގެއްގައި ކުޅެން."

ރޮނާލްޑޯގެ ކާމިޔާބީތަކުގެ ފެށުމަކީ މެންޗެސްޓަރ ޔުނައިޓެޑެވެ. އިނގިރޭސި ކުލަބާއިއެކު އޭނާ ހޭދަކުރި 6 ސީޒަންގައި 3 ފަހަރު އިނގިރޭސި ޕްރިމިއަރ ލީގު، ދެ ފަހަރު ލީގު ކަޕް، އެފްއޭ ކަޕް އަދި 2008ގެ ޗެމްޕިއަންސް ލީގުވެސް އޭނާ އުފުލާލިއެވެ. މީގެ އިތުރުން ދުނިޔޭގެ ފުޓްބޯލައިގެ އިންޑިވިޖުއަލް އެވޯޑްތައް ހޯދައި އެންމެ އުހަށް ދަތުރުކުރިއެވެ.

އޭގެ ފަހުން އޭރު ދުނިޔޭގެ ރެކޯޑު ފީއަކަށް ރޮނާލްޑޯ ބަދަލުވީ ސްޕެއިންގެ ރެއާލް މެޑްރިޑަށެވެ. އެކުލަބުގައި ހޭދަކުރި 9 ސީޒަންގައި ކުލަބުގެ ގިނަ ރެކޯޑުތަކެއް އޭނާ މުގުރާލިއެވެ. ދެ ފަހަރު ލަލީގާ، ދެ ފަހަރު ކޮޕަ ޑެލްރޭ އަދި 4 ފަހަރު ޗެމްޕިއަންސް ލީގު ހޯދިއިރު، ކުލަބުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑުވެސް ރޮނާލްޑޯ ހޯދިއެވެ.

2018ގައި ދެން ރޮނާލްޑޯ ބަދަލުވީ ޔުވެންޓަސްއަށެވެ. އެކުލަބާއިއެކު ސެރީއާ ހޯދައި، ސުޕަ ކޮޕަ އިޓަލިއާނާ އުފުލާލިއެވެ. އަދި މި ސީޒަންގައިވެސް ލީގު ހޯދުމުގެ ރޭހުގައި ޔުވެންޓަސް އޮތީ ކުރީގައެވެ.

35 އަހަރުގެ ރޮނާލްޑޯ މި ސީޒަން ފެށުމުގެ ކުރިން ބުނީ އޭނާ ކުޅެން ހުއްޓާލަން އަދި ނުވިސްނާކަމަށާއި، އެއް ފެންވަރެއްގައި ކުޅެން އިތުރަށް މަސައްކަތްކުރާނެކަމަށެވެ. އުއްމީދަކީ 40 އަހަރު ވަންދެން މިހާރު ހުރި ފެންވަރުގައި ކުޅެ ކުލަބަށާއި ޤައުމަށް ގިނަ ކާމިޔާބީތައް ހޯދައިދިނުންކަމަށްވެސް އޭނާ ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!