ދެ އަހަރުގެ ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށްފި
ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި އެ ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހުޅުމާލެ ޗައިނާ ފްލެޓް 108 އިން 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ މިހާރު ދޫނިދޫ އަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ހައްޔަރުކޮށްފައިވާ މީހާގެ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައިނުވި ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އެ ކުއްޖާގެ ބައްޕައެވެ.
އެ ކުއްޖާ ރޭޕްކުރި މައްސަލާގައި ފުލުހުން މިއަދު މެންދުރުގެ ވަގުތެއްގައި ވަނީ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ވެސް ހައްޔަރުކޮށްފައެވެ. އެ ދެ މީހުންގެ އިތުރުން މިކަމުގައި އެ ކުއްޖާގެ ބައްޕަ ވެސް ބައިވެރިވެފައިވާ ކަމަށް އެ ރަށު ރައްޔިތުން ތުހުމަތު ކުރެއެވެ.
އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައިވާއިރު މިއަދު ހަވީރުން ފަށައިގެން އޭނާ އުޅެމުންދިޔަ ފްލެޓު ކައިރިއަށް ގިނަ ބަޔަކު އެއްވެ ވަނީ އޭނާ ހައްޔަރުކުރަން ގޮވާލާފައެވެ. އެގޮތުން އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުމެއްގައި އެ ފްލެޓަށް ގެއްލުންދީ ވަނީ ބިއްލޫރިގަނޑެއް ވެސް ތަޅާލާފައެވެ. މި ހަމަނުޖެހުމުގެ ތެރެއިން ފުލުހަކަށް ވެސް އަނިޔާވެފައިވެއެވެ.
ޖިންސީ ގޯނާގެ ޝިކާއަރަކަށްވި އެ އަންހެން ކުއްޖާ މިހާރު ވަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މައްސަލަ ފުލުހުންނާއި ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުނެއެވެ.