ޚަބަރު

ދެން މާލެ ދާން އެއްވެސް ހުއްދައެއް ނަގާކަށް ނުޖެހޭނެ!

ދެން އެމްވީ ، ދެން އޮންލައިން

ރަށްރަށުން މާލެ އަންނަން ބޭނުންވާ މީހުންނަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

އަނެއްކާވެސް އިތުރު ލުއިތަކާއެކު މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 15 ދުވަހަށް ދަންމަން ވަނީ ނިންމާފައެވެ.

އެޗްޕީއޭއިން މިރޭ ބުނީ މާދަމާއިން ފެށިގެން ހުއްދަ ނުހޯދާ މާލެއަށް އެރޭނެ ކަމަށެވެ. ނަމަވެސް މާލެ ސިޓީން ފޭބޭނީ ކަމާބެހޭ އިދާރާތަކުން ހުއްދަ ހޯދައިގެންނެވެ.

"ރާއްޖޭގެ އެހެން ރަށަކުން މާލެއަށް ދަތުރުކުރާ މީހެއްނަމަ މާދަމާއިން ފެށިގެން އެއްވެސް ޕާމިޓެއްނެތި އާދެވޭނެ ކަމަށް މިވަނީ ކަނޑައަޅާފައި. އަދި މާލެއިން އެހެން ރަށަކަށް ދަތުރުކުރާނަމަ އެކަން ކުރެވޭނީ 'ހާލު ބެލުން' އެޕްލިކޭޝަން މެދުވެރިކޮށް ހުއްދަ ހޯދައިގެން،"

ލޮކްޑައުނަށް ދީފައިވާ އިތުރު ލުއިތަކަށް ބަލާއިރު ރަށްރަށުން މާލެ އަށް ދަތުރުކުރުމަށް ހުއްދައެއް ހޯދަން ނުޖެހުމާއި، ސްކޫލްތައް ހުޅުވުމާއި، ކެފޭ ރެސްޓޯރަންޓްތައް ފަތިހު 5:00 އިން ރޭގަނޑު 10:00 އަށް ހުޅުވާފައި މިހާރު ބެހެއްޓޭނެއެވެ.

އަދި ފަތިހު 5 ކުން ރޭގަނޑު 11 އަށް ބޭރުގައި އުޅެވޭނެ ކަމަށާއި، ޖިމްތަކާއި، ބޯކޮށާ ތަންތަނާއި ސެލޫންތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!