ރިޕޯޓް

އެކުވެރިޔާއެވެ. އަބަދުވެސް އެކުގައި އެބަހުރީމެވެ. ހިއްސާކުރާށެވެ. އަޑުއަހާނަމެވެ.

ދެން އެމްވީ ، ދެން އޮންލައިން

އަހަންނަށް ދުނިޔެ ދަސްވަމުން ދަނީ ލިބެމުންދާ ފިލާވަޅުތަކުންނެވެ. ހަޔާތުގައި ދިމާވާ ހާދިސާތަކުންނެވެ. ދިރިއުޅުމަށް އަންނަ އުސްގަނޑުތަކާއި އަޑިގަނޑުތަކުންނެވެ.ހިތާމައާއި ހިތްދަތިކަމުގެ ތެރެއިންނެވެ. އުފަލާއި ސަމާސާތަކުގެ ތެރެއިންނެވެ. އެންމެ އުންމީދު ނުކުރާ ފަރާތްތަކުން ދޭ "ސަޕްރައިޒް" ތަކުގެ ތެރެއިންނެވެ. އެ "ސަޕްރައިޒް" ހިތްގައިމުވެފައި އުފާވެރިކަން ގެނެސްދެއެވެ. އަދި ހަމަ އެ "ސަޕްރައިޒް" ގެ ހިތި ރަހަ ކަރުބުޑަށް ލާ ކިތަންމެ ފަހަރެއް އާދެއެވެ.

ދުނިޔަވީ ހަޔާތުގައި ދިމާވާ ކޮންމެ ކަމަކީވެސް ފިލާވަޅެކެވެ. އެހެނަސް ކޮންމެ ފިލާވަޅެއް އެއީ އެންމެނަށް އެނގިގެން ލިބޭ ފިލާވަޅަކަށް ނުވެއެވެ. އަހަރެމެންގެ ހަޔާތާއި މެދު ކުޑަކޮށް ވިސްނާލަމާހެއްޔެވެ! އެންމެންވެސް ފެންނަނީ ވަރަށް އުފާވެރިކޮށެވެ. ބޮޑު ހިތާމައެއް ކުރިމަތި ނުވާހާ ހިނދެއްގައި ގިސްލާ ރޮއި ހަދާ މީހަކު ނުވެސް ފެނެއެވެ. އުފަލެއް ލިބިއްޖެނަމަ ހުރިހާ އެކުވެރިންނަށް އެކަން ހިއްސާކުރެއެވެ. އެކަންކަން ފާހަގަކޮށް ކޭކް ފަޅާ ހަދައެވެ. އެކަކަށް ލިބޭ އުފަލަކީ އަނެކާގެވެސް އުފަލެއް ކަމުގައި ދެކިގެންނެވެ.

ނަމަވެސް ވިސްނާލަމާހެއްޔެވެ! ކޮންމެ މީހަކުވެސް މޮޅީ އުފާ ހިއްސާ ކުރާާށެވެ. ކާމިޔާބީ ހިއްސާކުރާށެވެ. ހީ ސަމާސާކުރާށެވެ. ސަކަރާތްޖަހާ މައްލަވަކުރާށެވެ. ލޯ ކުރިމައްޗަށް ފެންނަ ފަރުދާގެ ފުރަގަސް އެނގޭނީ ކާކަށް ހެއްޔެވެ؟ އެ ފަރުދާގެ ފުރަގަހުގައި ހިނގަނީ ކޮންފަދަ ކަމެއްކަން އެނގޭނީ ކާކަށް ހެއްޔެވެ! އެ ފަރުދާގެ ފުރަގަހުގައިވާ ވާހަކަ ހޯދާނީވެސް ވަކި ކިހިނަކުން ހެއްޔެވެ!

އަހަރެންގެ އެކުވެރިންނޭވެ! އަހަންނަށް ހަމަ ފެންނަނީ ތިޔަ އެކުވެރިންގެ އުޖާލާ ހިނިތުންވުމެވެ. އިވެނީ ޖަހާލާ ލާނެތް ހިނިގަނޑުގެ އަޑެވެ. އެކުގައި ކިތަންމެ ވަގުތެއް ހޭދަކުރިޔަސް އެކުގައި ނުވާ ވަގުތުތަކުގައި ދިމާވާ ކަންކަން އެނގޭނީ ހަމަ ތިޔަ އެކުވެރިޔާއަށެވެ. އުފާ ހިއްސާ ކުރުމަކީ ވަރަށް ފަސޭހަކަމެކެވެ. އުފާވެރިކަން ދެއްކުމަކީ އަދި މާ ފަސޭހަކަމެކެވެ.

އެކުވެރިޔާއެވެ. އަހަންނަށް މުހިންމީ ތިޔަ ކޮށްފައި ހުރި މޭކްއަޕެއް ނޫނެވެ. ތިޔަ މޭކަޕުން ތިޔަ ފޮރުވާ ވާހަކަތަކެވެ. އެ ވާހަކަތައް އަހަންނަށް މާ މުހިންމެވެ. ތިޔަ ކިޔާދޭ ޖޯކްތަކެއްވެސް އަހަންނަކަށް މުހިންމެއް ނޫނެވެ. އަހަންނަށް މުހިންމީ ތިޔަ ޖޯކްތަކުން ފޮރުވަން ތިޔަ އުލޭ އަސްލު މަންޒަރެވެ. ތިޔަ ޖަހާލާ ލާނެތް ހިނިގަނޑު އިވުމުން އަހަރެންގެ ހިތް ފުރެއެވެ. ނަމަވެސް އަހަންނަށް އެ ހިނގަނޑަށްވުރެ އެކުވެރިޔާ މާ މުހިންމެވެ.

އެކުވެރިޔާއެވެ. ދިރިއުޅުމުގެ މައިދާނުގައި އެކުވެރިޔާއަށް ދިމާވެފައިވަނީ އަދި ދިމާވަމުން ދަނީ ކޮންފަދަ ކަންކަމެއްކަން އަހަރެންނަކަށް ނޭނގެއެވެ. އެކުވެރިޔާ ތަހަންމަލުކޮށްފާނެ އަދި ކުރަމުންދާ ވޭނެއްވެސް އަހަންނަކަށް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ އެކުވެރިޔާގެ ބަސް މަދުވަމުން ދާކަމެވެ. ހަނު ހުންނަވަގުތު ގިނަވަމުންދާ ކަމެވެ. ހިމޭންކަމަށް އެކުވެރިޔާ މާ ލޯބި ކުރަން ފަށައިފިކަމެކެވެ.

އެކުވެރިޔާއެވެ. ތިޔަ ކަންކަން ހިއްސާނުކޮށް ހިތު ތެރޭގައި ފޮރުވައިގެން ނުހުންނާށެވެ. ދާއިމީ ބައްޔަކަށްވެ އަހަންނަށް އެކުވެރިޔާ ގެއްލޭކަށެއް ބޭނުމެއް ނޫނެވެ. އެކުވެރިޔާއެވެ. ލަދު ނުގަންނާށެވެ. ދެރަ ނުވާށެވެ. އެކުވެރިޔާގެ ވާހަކަތައް ހިއްސާކުރާށެވެ. އަޑު އަހާނަމެވެ. އެހީތެރިވާނަމެވެ. އަބަދުވެސް އެކުގައި ހުންނާނަމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!