ޚަބަރު

ޝަރީއަތް ލަސްވަނީ ހެކި ނެގުމުގައި ކޯޓުތަކުން އަމަލުކުރާ ގޮތުން: ޖޭއެސްސީ

ދެން އެމްވީ ، ދެން އޮންލައިން

ކޯޓުތަކުގައި ޝަރީއަތްތައް ލަސްވަމުން ދަނީ ޝަރީއަތަށް ހެކި ބަސް ނެގުމުގައި ކޯޓުތަކުން ގެންގުޅޭ އުސޫލުތަކުގެ ސަބަބުން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ތެރެއިން ފަނޑިޔާރުންގެ ސުލޫކަށް އަސަރު ކުރާ ކަމެއް އޮތްތޯ ބެލުމުގެ ގޮތުން އެ ކޮމިޝަނުން ދިރާސާކުރި ކަމަށެވެ.

ހެކިބަސް ދޭން މީހުން ކޯޓަށް ހާޒިރު ނުވާ ހާލަތްތަކުގައި ކޯޓު އަމުރެއްގެ ދަށުން މީހުން ހާޒިރު ކުރެވެން އޮތް ނަމަވެސް، ހެކިބަސް ދޭން އުޒުރުވެރިވާ ކަމަށް މީހުން ބުނުމުން ކްރިމިނަލް ކޯޓުން އެކަން ބަލައިގަންނަން ފަށާފައިވާ ކަަމަށް ސިޓީގައި ވެ އެވެ. އަދި ކްރިިމިނަލް ކޯޓުން އެގޮތަަށް ކަންތައް ކުރަން ފެށުމުން އެހެން ކޯޓުތަކުން ވެސް ފަހުން ހަމަ އެގޮތަށް އަމަލުކުރަން ފަށާފައިވާ ކަމަށް ޖޭއެސްސީގެ ސިޓީގައި ބުނެފައި ވެ އެވެ.

"ޖިނާއީ އަދުލުގެ ނިޒާމުގައި ހިންގޭ ގިނަ މައްސަލަތަކަކީ ހެކިންގެ ހެކިބަހުން ކަނޑައެޅޭ މައްސަލަތައް. ދެންމެ ފާހަގަ ކުރެވުނު މައްސަލަތަކަކީ ގާނޫނީ ނިޒާމުގެ ތެރެއިން އިސްލާހު ކުރަން ޖެހޭ މައްސަލަތަކެއް ކަމަށް މި ކޮމިޝަނަށް ފެންނާތީ މަޖިލީހުގެ ސަމާލު ކަމަށް ގެންނަން ނިންމުން." ޖޭއެސްސީގެ ސިޓީގައިވެ އެވެ.

ޖޭއެސްސީން ބުނެފައިވާ ގޮތުގައި ހެކިން ހާރިޒު ކުރަން ކޯޓު އަމުރު ނެރުމުގައި ވެސް އެކި ކޯޓުތަކުން އެކިގޮތަށް އަމަލުކުރަމުން އަންނަ ކަމަށާއި އަމިއްލަ ފަރާތްތަކުން ހުށަހަޅާ ހެކިން ކޯޓަށް ހާޒިރު ކުރުމަކީ އެ ފަރާތްތަކުން އަމިއްލަ އަށް ކުރަން ޖެހޭ ކަމަކަށް ހަަދާފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!