ޔޫތު މިނިސްޓްރީގެ ޕްރޮގްރާމްތައް އޮންލައިންކޮށް މެކުހަށް
ކޯވިޑް 19ގެ ސަބަބުން މުޅި ރާއްޖެ ފުރަބަންދުގެ ހާލަތަކަށް ދިއުމުގެ ސަބަބުން ވަރަށް ގިނަ މުއައްސަސާ ތަކެއްގެ މަސައްކަތްތަކަކަށް ވަނީ ބުރޫ އަރާފައެވެ. ކުރިއަށް ރާވާފައިވާ އެތަކެއް ޕްރޮގްރާމް ތަކެއް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިހެންވުމުގެ ސަބަބުން ކުރިން ހާސިލު ކުރަން ބޭނުންވެފައި ވާ އެތައްކަމެއް އެ މުއައްސަސާ ތަކަށް ވަނީ ހާސިލު ނުކުރެވިފައެވެ.
އެގޮތުން ކޯވިޑް ގެ ފުރަބަންދާ އެކު މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ހިންގަމުން އައި އެތައް ޕްރޮގްރާމް ތަކެއް ހުއްޓުމަކަށް އައެވެ. ފުރަބަންދުގެ ކުރިން މިނިސްޓްރީ އިން ވަނީ އެކި ރަށްރަށުގައި ތަފާތު އެކި ޕްރޮގްރާމް ތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޒުވާނުން ބާރުވެރި ކުރުވުމަށާއި ޒުވާނުންނަކީ ހަރުދަނާ ބަޔަކަށް ހެދުމަށް ޓަކައި ތަފާތު އެކި ޕްރޮގްރާމްތައް ދިޔައީ ކުރިއަށް ގެންދަމުންނެވެ. އަދި މި އަހަރު ތެރޭގައި އިތުރު އެތައް ޕްރޮގްރާމްތަކެއް ހިނގުމަށް ވެސް މިނިސްޓްރީ އިން ޕްލޭން ކޮށްފައިވާކަން މިނިސްޓްރީއިން ވަނީ މީގެކުރިން ހާމަކޮށްފައެވެ. ނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވި ޢާލަމީ ވަބާ، ކޯވިޑް 19ގެ ސަބަބުން މި ހުރިހާ ޕްރޮގްރާމް ތަކަށް ވެސް އެތައް ދުވަހެއްގެ މެދުކެނޑުމެއް ކުރިމަތިވިއެވެ.
ކޯވިޑް 19ގެ ފުރަބަންދު ތެރޭގައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ މުވައްޒަފުންނަށް އޮފީހަށް ނިކުތުމަށް ހުއްދަ ދިނުމުން ޔޫތު މިނިސްޓްރީ ގެ ޕްރޮގްރާމްތައް މިވަނީ މެކުހަށް ޖަހާފައެވެ. މިނިސްޓްރީއިން ކުރިޔަށް ގެންދަމުންދާ ގިނަ ޕްރޮޖެކްޓްތަކެއް ނިމުމުގެ މަރުހަލާގައި ވާއިރު ޔޫތު ޑިޕާޓްމެންޓްގެ ފަރާތުން އަންނަނީ ޒުވާނުންނަށް އަމާޒުކޮށް މުހިންމު ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.
ދެން އެމްވީ އަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑައިރެކްޓަރ އަހްމަދު އިރާޝް ވިދާޅުވީ މިނިސްޓްރީގެ ފަރާތުން ވަރަށް ގިނަ ޕްރޮގްރާމް ތަކެއް ފުރަބަންދުގެ ތެރޭގައި ފަށާފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމްތައް ވަރަށް ކާމިޔާބު ކަމަށާއި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދާ ޕްރޮގްރާމް ތަކަކީ ކޯވިޑް19ގެ ސަބަބުން ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތައް ކަމަށެވެ. ކޯވިޑް 19ގެ ސަބަބުން ބައެއް ޒުވާނުންގެ ވަޒީފާ ގެއްލިފައިވާ ކަމަށާއި އަދި އެޒުވާނުންނަށް މި ދުވަސްތަކަކީ ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ނަފްސާނީ ގޮތުން ދަތި އުނދަގޫ ދުވަސްތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް އިރާޝް ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ޔޫތުގެ ފަރާތުން ކުރިއަށް ގެންދާ އެއް ޕްރޮގްރާމަކީ #ލެޓްސްޓޯކްޔޫތު ގެ ނަމުގައި ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ހުރިހާ ޒުވާނުންނަށް ވެސް ބައިވެރިވެވޭނެ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމަކީ ކޮންމެ ހަފްތާއެއްގެ ވެސް އަންގާރަ ދުވަހުގެ ރޭ މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާ ޕްރޮގްރާމެކެވެ. އެކި ރޭރޭ އެކި މައުލޫތަކަށް މި ޕްރޮގްރާމްގައި ވާހަކަ ދެކެވެއެވެ. އެގޮތުން މި ޕްރޮގްރާމްގެ 6 ވަނަ ސިލްސިލާ ރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރޭގެ މައުލޫއަކީ "ގްރީފް" އެވެ. އެއީ ގާތް މީހަކު ތިމާޔާ ވަކިވުން އަދި ދިރިއުޅުމުގައި ކުރިމަތިވާ ނުތަނަވަސް ކަމެއްގެ ސަބަބުން ހިތުގައި އުފެދޭ ބިރުވެރި ކަމެކެވެ. މި ޕްރޮގްރާމްތައް ހުށަހަޅައި ދެއްވަނީ މިނިސްޓްރީގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރުންނާއި އަދިވެސް ކަމާބެހޭ އެހެނިހެން ނަފްސާނީ މާހިރުން ގުޅިގެންނެވެ..
މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީގެ ފަރާތުން ފާއިތުވެދިޔަ ފުރަބަންދުގެ ތެރޭގައި ވަނީ ކޮމަންވެލްތު އޮފް ލަރނިންގެ ފަރާތުން ވަޒީފާ ގެއްލިފައިވާ ޒުވާނުންނަށް އިސްކަންދީގެން ކުރިއަށް ގެންދިޔަ ކޯސްތަކެއްގައި ބައިވެރިވުމަށް ފުރުސަތު ވެސް ހުޅުވާލާފައެވެ. ޖޫން އެކަކުން ޖޫން ސާދައިގެ ނިޔަލަށް މި ސްކޮލާރޝިޕްތަކުގައި ބައިވެރިވުމަށް ހުޅުވާލި ކަމަށް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ. އަދި 400 ދާއިރާ އެއްގެ ސްކޮލާރޝިޕްތައް ހުރި އިރު ރާއްޖެއަށް ލިބިފައިވަނީ 50 ފުރުސަތެވެ. މިގޮތުގެ މަތިން 50 ޒުވާނަކަށް މި ފުރުސަތު މިނިސްޓްރީ އިން ހުޅުވާލި އިރު މި ޕްރޮގްރާމްގައި ބައިވެރިވުމަށް 62 ފަރާތަކުން އެދިފައި ވެއެވެ. އަދި މި ފަރާތްތަކުގެ ތެރެއިން ކުރިޔަށް ކޯސްތަކަށް ހޮވުނު ބޭފުޅުންގެ ލިސްޓް މިނިސްޓްރީއިން ވަނީ އާންމުކޮށްފައެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން ކުރިއަށް ގެންދާ އަނެއް ޕްރޮގްރާމަކީ "އެނގިލަމާ" ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ނަމަވެސް މި ޕްރޮގްރާމަކީ މިނިސްޓްރީގެ ފޭސްބުކު ޕޭޖުން ލައިވް ކުރާ ޕްރޮގްރާމެއް ނޫނެވެ. މި ޕްރޮގްރާމަކީ ވަކިވަކި ރަށްރަށަށް އަމާޒު ކޮށްގެން މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މި އަހަރު ކުރީކޮޅު މިނިސްޓްރީގެ ފަރާތުން ވަނީ ބައެއް ރަށްރަށަށް ގޮސްވެސް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޖުމުލަ 4 ރަށެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވެއެވެ. އެ ރަށްތަކަކީ ގއ.ދެއްވަދޫ، ގއ.ވިލިނގިލި، ގދ.ވާދޫ އަދި ހއ.ތުރާކުނެވެ.
މި ޕްރޮގްރާމް ތަކުގައި ދިރިއުޅުމުގެ ތަފާތު ހުނަރުތައް ވެސް ދަސްކޮށްދެވިގެން ދާނެ ކަމަށާއި ދިރިއުޅުމުގައި ދިމާވާ އެކި ކަންކަމުގައި ކަންތައް ކުރާނެ ގޮތްވެސް ދަސްކޮށްދެވިގެންދާނެ ކަމަށް އިރާޝް ބުންޏެވެ. މި ޕްރޮގްރާމް ތަކަކީ ހަމައެކަނި އެރަށެއްގެ ޒުވާނުންނަށް އެކަނި ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަން އިރާޝް ފާހަގަކުރިއެވެ. އެގޮތުން މި ޕްރޮގްރާމް ލައިވް ނުކުރާ އެންމެ ބޮޑު ސަބަބަކީ މި ޕްރޮގްރާމުގައި އެކި ކުދިންގެ ނަފްސާނީ މައްސަލަ ތައް ވެސް ހިއްސާ ކުރުމަށް ފުރުސަތު ދިނުން ކަމަށް އިރާޝް ފާހަގަ ކުރެއްވިއެވެ.
މި ޕްރޮގްރާމް މާދަމާ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ބ ގޮއިދޫގެ ޒުވާނުންނަށް ކަމުގައި އިރާޝް މައުލޫމާތު ދެއްވިއެވެ. އަދި މި ޕްރޮގްރާމްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމުގައި އެ ރަށްރަށުގެ ކައުންސިލުން ދެއްވާ އެއްބާރުލުންވެސް އިރާޝް ވަނީ ފާހަގަ ކޮށް ޝުކުރު އަދާ ކުރައްވާފައެވެ.
"އެނގިލަމާ" މި ޕްރޮގްރާމްގައި އެއްވެސް ޒުވާނަކު ބާކީ ނުކުރާނެ ކަމަށާއި އެ ރަށެއްގެ 16 އަހަރުން މަތީގެ ހުރިހާ ޒުވާނުންނަށް ވެސް ބައިވެރިވެވޭ ކަމުގައި މިނިސްޓްރީ އިން މައުލޫމާތު ދިނެވެ.
މީގެ އިތުރުން ޒުވާނުންގެ ގައުމީ މަޖިލީހުގެ ފަރާތުންވެސް ޕްރޮގްރާމް ތަކެއް ކުރިއަށް ގެންދާ ކަމަށް އިރާޝް ފާހަގަ ކުރެއްވިއެވެ. އެގޮތުން ޒުވާނުންގެ ހޮޅުއަށީގެ ނަމުގައި މި މަޖިލީހުގެ ފަރާތުން ވަނީ ޕްރޮގްރާމް ތަކެއް ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމްތަކުގައި ފުރަބަންދަކަށް ފަހު އައު އާންމު ހާލަތަކަށް ޒުވާނުން މިސްރާބު ޖަހާއިރު ދިމާވާނެ ކަންތައްތަކަކީ ނުވަތަ ދަތިތަކަކީ ކޮބާތޯ ވަނީ މަޝްވަރާ ކުރެވިފައި ކަމުގައި އިރާޝް ވިދާޅުވިއެވެ.
އަދި މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގަ އާއި އަދި ދިގު މުއްދަތަކަށް ކުރެވިދާނެ މަސައްކަތް ތަކާ މެދު ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރެވެމުންދާ ކަމުގައި އިރާޝް ފާހަގަ ކުރެއްވިއެވެ. އެގޮތުން ކުރެވުނު މަޝްވަރާ ތަކުގައި ވަނީ ޖަމިއްޔާތަކާ އެކު އަދި ޖެންޑާ މިނިސްޓްރީ އާ އެކު އެކި މަސައްކަތްތައް ކުރުމަށް އެއްބަސް ވެވިފައި ކަމުގައި އިރާޝް ފާހަގަ ކުރެއްވިއެވެ.
މި ޕްރޮގްރާމް ތަކުގެ މަގްސަދަކީ ކޮބާތޯ ދެން އެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން އިރާޝް ބުނީ އެންމެ ބޮޑު މަގުސަދަކީ ގާބިލު ހަރުދަނާ ޒުވާނުންތަކެއް ބިނާ ކުރުން ކަމަށެވެ. އެގޮތުން ރާއްޖޭގައި ޒުވާނުންގެ އާބާދީގެ އިންސައްތައަކީ އެންމެ ފަހުގެ ތަފާސް ހިސާބު ތަކަށް ބަލާއިރު 37 އިންސައްތަ ކަމަށާއި ޒުވާނުންގެ އާބާދީ އަކީ މިހާ ބޮޑު އާބާދީ އަކަށް ވާއިރު އެޒުވާނުންނަކީ ގައުމުގެ ކަންކަމުގައި ޒިންމާ ނަގާ ޤާބިލު، ހަރުދަނާ ބައެއް ކަމުގައި ވާން ޖެހޭ ކަމަށް އިރާޝް ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން އެ ޒުވާނުންނަކީ ވަޒީފާ އަށް އަހުލުވެރިވެފައިވާ ޒުވާނުންތަކަކަށް ހެދުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އަމާޒެއް ކަމުގައި އިރާޝް ވިދާޅުވިއެވެ. އަދި އެ ޒުވާނުންނަކީ ދީނާއި ގައުމު ދެކެ ލޯބިވާ އަދި އިހްތިރާމް ކުރަން ދަންނަ އިހްތިރާމް ލިބިގެންވާ ބަޔަކަށް ހެދުމަކީ ވެސް ވަރަށް އިސްކަމެއް ދޭ ކަމެއް ކަމުގައި ފާހަގަ ކުރެއްވިއެވެ.
ޔޫތު މިނިސްޓްރީގެ ފަރާތުން ކުރިއަށް މިގެންދާ ޕްރޮގްރާމްތަކުގެ ސަބަބުން ދިރިއުޅުމަށް ޒުވާނުންގެ ލޯ ވަރަށް ބޮޑަށް ހުޅުވިގެންދާނެ ކަމާ މެދު ޝައްކެތް ނެތެވެ. އަދި ދިރިއުޅުމުގައި ދިމާވާ ތަފާތު ދަތިތަކާ އޭގެ ހައްލުވެސް މި ޕްރޮގްރާމު ތަކުން އެނގިގެންދާނެއެވެ. މި ޕްރޮގްރާމްތައް މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ފަށާފައި ވާއިރު މި ހުރިހާ ޕްރޮގްރާމެއް ގައި ވެސް ހިލޭ ބައިވެރިވެވޭނެއެވެ. އެހެން ކަމުން މި ޕްރޮގްރާމް ތަކުގައި ބައިވެރިވެލައްވަން ވާނެ ނޫންތޯއެވެ.