ޚަބަރު

އެންމެ ފަހުން އަދާލަތުން ވެސް "އުތެމަ" ރިޕޯޓު ކުށްވެރިކޮށްފި!

ދެން އެމްވީ

އަމިއްލަ ޖަމާއަތެެއް ކަމަށްވާ "އުތެމަ" އިން ނެރެފައިވަނީ އިސްލާމްދީނާއި ދެކޮޅު ރިޕޯޓެއް ކަމަށް އަދާލަތު ޕާޓީންވެސް އެންމެފަހުން ނިންމާ، އެރިޕޯޓު ކުށްވެރި ކޮށްފިއެވެ.

އުތެމަ ޖަމިއްޔާ އުވާލަން މިއަދު ގޮވާލާފައިމިވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން އެކުލަވާލި ލާދީނީ ރިޕޯޓު، އެޖަމިއްޔާއިން ދިފާޢު ކޮށްފައިވުމުންނާއި އެޖަމިއްޔާއިން ނެރެފައިވާ ރިޕޯޓުގައި ވެސް ދީނާއި ނުގުޅޭ ވާހަކަތަކެއް ހިމަނާފައިވުމުންނެވެ.

އެނގިފައިވާ ގޮތުގައި "އުތެމަ" ގެ ލާދީނީ ރިޕޯޓު ތައްޔާރު ކުރަން ފަންޑު ކޮށްފައިވަނީ އެމްޑީއެން ގެ ރިޕޯޓު ތައްޔާރު ކުރުމަށްވެސް 'ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވް' އިންނެވެ.

މިކަމާއި ގުޅޭގޮތުން އަދާލަތު ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނީ އުތެމަ ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓަކީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ރިޕޯޓަށް ތާއީދުކޮށް ނެރެފައިވާ ރިޕޯޓެއް ކަމަށާއި އެރިޕޯޓަކީ އިސްލާމީ ރިވެތި އުސޫލުތައް ދިވެހި ފަސްގަނޑުން ފޮހެލުމަށް ބަޔަކު މީހުން ކުރާ މަސައްކަތުގެ ތެރެއިންވާ ކަމެއް ކަމަށެވެ.

މީގެއިތުރުން އެ ރިޕޯޓަކީ އިސްލާމީ ޝަރީއަތުގެ ހުކުމްތަކަށް ފުރައްސާރަވާ ގޮތަށް އެކުލަވާލައިފައިވާ ރިޕޯޓެއް ކަމަށް ވެސް އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!