ކަނޑުހުޅުދޫ މެޖިސްޓްރޭޓްގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލަނީ
ގއ. ކަނޑުހުޅުދޫގެ އިސް މެޖިސްޓްރޭޓު ހަސަން ދީދީގެ، ޖިންސީ ފުރައްސާރައިގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ އޭނާގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ބަލަމުން އަންނަ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ހަސަން ދީދީއާ ގުޅޭގޮތުން ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން މިދިޔަ ޖުލައި މަހު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އޭނާ ސަސްޕެންޑު ވެސް ކޮށްފައެވެ. ނަމަވެސް ބަލަމުންދަނީ ކޮން މައްސަލައެއްކަން އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ.
ކަނޑުހުޅުދޫގެ އިސް މެޖިސްޓްރޭޓުގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލަން ފެށިއިރު، އެ ރަށުގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ވަނީ އެކަމުގައި ބައިވެރިވި އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ހައްޔަރުކޮށްފައެވެ.
ޖިންސީ ގޯނާގެ ޝިކާއަރަކަށްވި އެ އަންހެން ކުއްޖާ މިހާރު ވަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.