ކުޅިވަރު

ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ފީފާއިން ދީފި

ދެން އެމްވީ ، ދެން އޮންލައިން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަންނަ ނަމަ، ދިވެހި ފުޓްބޯޅަ އަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން އިންޒާރުކޮށްފި އެވެ.

ފީފާއިން ރާއްޖެއަށް އެގޮތަށް އިންޒާރު ދިނީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެފްއޭއެމް އާ ބެހޭގޮތުން މައްސަލައެއް ހުށަހަޅައި ބަހުސްކޮށް ކޮމިޓީ މަރުހަލާ އަށް ފޮނުވާފައި ވަނިކޮށެވެ.

އެފްްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މަޖިލީހަށް އިއްޔެ ހުށަހެޅި ގަރާރުގައި ބުނެފައިވަނީ އެފްއޭއެމްގެ ހިންގާ ގަވާއިދާއި، ދިވެހި ކުޅިވަރު ގާނޫނާ އަދި ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ސްޕޯޓްސް މިނިސްޓްރީ އަށް އެންގުމަށާއި އަދި އެ އެންމެހާ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ. މި ގަރާރަށް އިއްޔެ ބަހުސްކުރުމަށް ފަހު ވަނީ ދިރާސާކުރަން އިޖްތިމާއީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

ފީފާ އިން އިންޒާރު ދިނީ، އެފްއޭއެމުން ފީފާގެ ސަމާލުކަމަށް ގަރާރުގެ މައްސަލަ ގެނައުމުންނެވެ. އެފްއޭއެމުން ފޮނުވި ސިޓީގެ ޖަވާބުގައި ފީފާއިން ބުނެފައި ވަނީ، ފީފާގެ އަސާސީ ގަވާއިދުގައި ވާގޮތަށް ނުފޫޒެއް ނެތި މިނިވަން ކަމާއެކު އެފްއޭއެމް ހިންގުމުގެ ފުރުސަތު އޮޮންނަންވާނެ ކަމަށެވެ. އަދި އެކަމަށް ހުރަސް އެޅޭގޮތަށް ތިން ވަނަ ފަރާތަކުން އެފްއޭއެމްއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާނަމަ، ފީފާގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ރާއްޖެއަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ކައިރި ކަމަށް ފީފާއިން ވަނީ އަންގާފަ އެވެ.

މާދަމާ ބާއްވަން ހަމަޖެހިފައިވާ އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް، އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން މިނިވަން ކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް ފީފާއިން އުންމީދު ކުރާކަމަށް، ފީފާ މެންބަރު އެސޯސިއޭޝަންގެ ޗީފް އޮފިސާ، ވެރޯން މޮސެންގޯ އޮމްބާ ސޮއިކޮށް އެފްއޭއެމް އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވެއެވެ. އަދި މާދަމާ ބާއްވާ ކޮންގްރެސް އަށް އެއްވެސް ފަރާތެއްގެ ނުފޫޒު އަންނަނަމަ އެކަން ވީއެންމެ އަވަހަށް ފީފާގެ ސަމާލުކަމަށް ގެނައުމަށްވެސް ފީފާއިން ވަނީ އަންގާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!