ޚަބަރު

މި މަސް ނިމެންދެން ކުނި ނެރެން ޖެހޭނީ ގޭ ބޭރަށް: ވެމްކޯ

ދެން އެމްވީ ، ދެން އޮންލައިން

ގޭގެއިން ކުނި އުކާލުމުގެ ޚިދުމަތް މި މަސް ނިމެންދެން ވެމްކޯއިން ދެމުންދާނީ މިހާރުވެސް ދެމުން އަންނަ އުސޫލުންކަމަށް އެ ކުންފުނިން ބުނެފިއެވެ.

Ads by STELCO

ކޮވިޑާ ގުޅިގެން މާލެ ލޮކްޑައުންގައި އޮތުމަށްފަހު މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިން ލުއިތަކާގުޅިގެން ވެމްކޯއިން ބުނީ ކުނި އުކާލާ ސައިޓްތަކުގެ ޚިދުމަތް ކުރިއެކޭ އެއްގޮތަށް ދޭން ފަށާފައިވާކަމަށެވެ. ލޮކްޑައުންތެރޭގައި ކުރިން ވެމްކޯގެ ސައިޓްތަކުން ޚިދުމަތް ދެމުން އައިސްފައިވަނީ ޚާއްސަ ހުއްދަ އޮންނަ އުޅަނދުތަކަށް ސައިޓްތަކަށް ވަދެ ކުނި އުކާލެވޭ ގޮތަށެވެ.

ނަމަވެސް މިހާރު ގެނައި ބަދަލާއެކު މާލެ ހުޅުމާލޭގެ ވެމްކޯ ސައިޓަށްގޮސް ހެނދުނު 08:00 އިން ރޭގަނޑު 00:00 އާއި ހަމައަށް ޚާއްސަ ހުއްދައަކާއި ނުލާ ކުނި އުކޭނެއެވެ. އަދި ވިލިމާލޭ ސައިޓަށް ހެނދުނު 08:00 އިން ރޭގަނޑު 22:00 އަށް ކުނި އުކޭނެއެވެ.
ވެމްކޯއިން ޚިދުމަތްދިނުމަށް އަތޮޅުތަކުގައި ހުރި ސައިޓްތަކުންވެސް ކުރިއެކޭ އެއްގޮތަށް ޚިދުމަތް ދެމުން ގެންދާނެއެވެ.

ކުނި އުކާލާ ސައިޓްތައް ކުރިއެކޭ އެއްގޮތަށް ހުޅުވާލިނަމަވެސް، ގޭގެއިން ކުނި ނެގުމުގެ ޚިދުމަތް އަދިވެސް ދެމުން ގެންދާނީ ލޮކްޑައުންގައި ޚިދުމަތް ދިން ގޮތަށެވެ. އެގޮތުން ވެމްކޯއިން ވަނީ މިހާރުވެސް ކުނި ނެރޭގޮތަށް މެންދުރު 12:00 އާއި 14:00އާ ދެމެދު، ބޭރަށް ކުނި ނެރެފައި ބެހެއްޓުމަށް އެދިފައެވެ. ވެމްކޯއިން ބުނީ އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހާއި ހަމައަށް ގޭގެއިން ކުނިއުކާލުމުގެ ޚިދުމަތް ދޭނީ މި އުސޫލުންކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!