ޚަބަރު

އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް

ދެން އެމްވީ ، ދެން އޮންލައިން

އިސްރާއީލުން ފަލަސްޠީނާ ދެކޮޅަށް ހިންގަމުން އަންނަ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

Ads by STELCO

މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ، ވިލިގިނލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އެވެ.

މި ގަރާރުގައި ބުނެފައިވަނީ 1967 ވަނަ އަހަރު ކަނޑައެޅި ފަލަސްތީނުގެ ސަރަޙައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ޤަބޫލުކުރާކަމަށެވެ. އިސްރާއީލުން ފަލަސްތީނުގެ އިތުރު ބިންތަށް ފޭރިގަނެ އެބިންތަކަށް ވެރިވުމަކީ ފަލަސްތީނާއި އިޒްރާއީލު ސުލްޙަވެ ވަކި ދެ ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތަށް އެޅޭ އިތުރު ހުރަހެއްކަމަށް މިޤަރާރުގައި ވަނީ ބުނެފައިވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތަކަކަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތާއި ފަލަސްތީނުގެ ރައްޔިތުންނާއިމެދު ހިންގާ ލާއިންސާނީ ޢަމަލުތައް ހުއްޓުމެއްނެތް ގޮތުގައި ތަކުރާރުވަމުން ދިއުމަކީ އިންސާނީ ކަރާމަތާއި، އިންސާނީ ޝަރަފް ނަގާލުން ކަމަށްވެސް ގަރާރުގައި ބުނެފައި ވެއެވެ. އަދި މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ކަނޑައެޅިގެން ޚިލާފް އަމަލުތަކެއްކަމުން، އެޢަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލުމަކީ އިޒްރާއިލުގެ އަނިޔާވެރި އަމަލުތަށް ހުއްޓުވުމަށް ކުރެވޭނެ މަސައްކަތެއްކަމުގައިވެސް އެ ގަރާރުގައި ބުނެފައިވެއެވެ.

ރާއްޖެއިން ބައިވެރިވެފައިވާ އެކުވެރި ދަޢުލަތްތަކުގެ ޖަމިއްޔާ، އދ ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް ބޯނުލަނބާ މައްސަލައިގައި އިޒްރާއީލް ޖަވާބުދާރީކުރުވަން ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލުމަކީވެސް މުޙިއްމު ކަމެއް ކަމުގައި މިގަރާރުގައި ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!