ރެލިގޭޝަން ހަނގުރާމައިގައި އޮތް ވެސްޓްހަމުން ޗެލްސީ ސިއްސުވާލައިފި
އިނގިރޭސި ޕްރިމިއަރ ލީގުގެ ރެލިގޭޝަނާއި ހަނގުރާމަކުރަމުން އަންނަ ވެސްޓް ހަމް ޔުނައިޓެޑުން ފަހު ވަގުތު ޗެލްސީ ސިއްސުވާލައިފިއެވެ.
ޕްރިމިއަރ ލީގުގައި ޗެލްސީއާއި ވެސްޓްހަމް ވާދަކުރި މެޗުން ވެސްޓް ހަމް މޮޅުވީ 3-2އިންނެވެ. މި މެޗުގައި ޗެލްސީއަށް ފުރަތަމަ ގޯލް ޖަހައި ލީޑް ނަގައިދިނީ ވިލިއަންއެވެ. އެހެންނަމަވެސް ވިލިއަން ކާމިޔާބުކުރި ޕެނަލްޓީއާއިއެކު އެޓީމަށް ލީޑްގައި އޮވެވުނީ އެންމެ ފަސް މިނެޓަށެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެސްޓް ހަމްގެ ސޫޗެކްވަނީ ގޯލެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ.
ދެވަނަ ހާފުގައި ވެސްޓްހަމުން ލީޑް ނެގި ނަމަވެސް ލިބުނު ހިލޭ ޖެހުމަކުން ވިލިއަން ޖެހި ގޯލާއިއެކު ޗެލްސީން ނަތީޖާ ހަމަހަމަކުރިއެވެ. ވެސްޓް ހަމް މެޗުން މޮޅުވީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޔާމަލެންކޯ ޖަހައިދިން ގޯލުންނެވެ.
މި ނަތީޖާއާއިއެކު ވެސްޓްހަމުން ވަނީ ރެލިގޭޝަން ޒޯނާއި ދުރަށް ޖެހިލާފައެވެ. 27 ޕޮއިންޓާއިއެކު ކުރިން ތާވަލްގެ 17 ވަނައިގައި އޮތް ވެސްޓްހަމްވަ ނީ ތާވަލްގެ ސޯޅަވަނައަށް ޖެހިލާފައެވެ. ލީގުގައި ބާކީ ހަ މެޗު އޮތްއިރު މި މޮޅަކީ އެޓީމްގެ ރެލިގޭޝަން ހަނގުރާމައަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއްކަމަށް ކޯޗު މޮޔެސްވަނީ ފާހަގަކޮށްފައެވެ.
"ހަގީގަތުގައި މެޗުގައި ގިނަ ކަންކަން ދިޔައީ އަހަރުމެންނަށް ވަރަށް ނަސީބު ދެރަކޮށް. ފުރަތަމަ ޖެހި ގޯލު ވީއޭއާރުން ގަބޫލެއް ނުކުރި، އެޓީމުން ޖެހި ފުރަތަމަ ގޯލަކީ ޕެނަލްޓީއެއް، ދެން ފްރީކިކެއް. ޓީމުން ވަރަށް ރަނގަޅަށް ކުޅުނު. ޑިފެންސް ވެސް ރަނގަޅު. ކުރި ބުރަ މަސައްކަތުން ފަހު ވަގުތު މޮޅުވީ. މިއީ ހަމަޔަގީނުންވެސް ކުރިއަށްހުރި މެޗުތަކަށް ލިބުނު ބޮޑު ހިތްވަރަކާއި ހިތްހަމަޖެހުމެއް" މޮޔެސް ބުންޏެވެ.
މި މެޗުން ބަލިވުމުން ޗެލްސީއަށް ވެސް ވަނީ ބޮޑު މާޔޫސްކަމެއް ލިބިފައެވެ. ތާވަލްގެ ތިންވަނައިގައި އޮތް ލެސްޓަރ ބަލިވުމުގެ ފައިދާ ނެގޭ ގޮތެއް އެޓީމަށް ނުވިއެވެ. މި މެޗުން މޮޅުވި ނަމަ ތާވަލްގެ ތިންވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ޗެލްސީއަށް ނެގުނީހެވެ. އަނެއް ކޮޅުން މިއީ ފަސްވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. ޗެލްސީއާއި މެންޗެސްޓަރ ޔުނައިޓެޑާއި ދެމެދު މިހާރު އޮތީ 3 ޕޮއިންޓްގެ ފަރަގެކެވެ.
ޕްރިމިއަރ ލީގުގައި ރޭ ލެސްޓަރ ސިޓީ ބަލިވީ އެވަޓަން އަތުން ދޭއް އެކަކުންނެވެ. ބޯންމަތު އަތުން ނިއުކާސަލް މޮޅުވިއިރު، އާސެނަލުންވަނީ ނޯވިޗް އަތުން 4-0އިން މޮޅުވެފައެވެ.