ކުޅިވަރު

ބާސެލޯނާގެ ކޯޗު ސެޓިއެން ގްރީޒްމަން ބޭނުންނުވަނީތަ؟

ދެން އެމްވީ ، ދެން އޮންލައިން

ބާސެލޯނާގެ ފޯވާޑް އޮންޓުއާން ގްރީޒްމަންއަކީ މި ސީޒަންގައި އެންމެ ގިނަ ބައެއްގެ ލޯތައް އަމާޒުވި ކުޅުންތެރިޔާއެވެ. އޭނާ ހޯދުމަށް ގިނަ ޓީމްތަކުން ވިއްދާފައި ތިއްބާ ބޮޑު އަގުގައި އެތްލެޓިކޯއިން އޭނާ ބަދަލުވީ ބާސެލޯނާއަށެވެ. ނޭމާ، ސުއަރޭޒް އަދި މެސީގެ ޖާދޫ ކުރިން ފެނުނު ގޮތަށް މި ސީޒަންގައި ގްރީޒްމަން، މެސީ އަދި ސުއަރޭޒްގެ މޮޅު ކުޅުމެއް ފެންނާނެކަމަށް ގިނަ ބަޔަކު އުއްމީދުކުރިއެވެ.

Ads by MWSC

ނަމަވެސް މި ސީޒަންގައި ސަޕޯޓަރުން އުއްމީދުކުރިވާރާ ގާތަށްވެސް ގްރީޒްމަންއަށް ނުކުޅެވުނެވެ. އެންމެންވެސް ބުނަމުން އަންނަނީ ގްރީޒްމަން އަށް ވަގުތު ބޭނުންވާކަމަށެވެ. މިހާތަނަށް ބާސެލޯނާއަށް ކުޅުނު 42 މެޗުގައި 14 ގޯލް ޖެހި ގްރީޒްމަން އަށް އެންމެ ފަހުން ކުޅުނު އަށް މެޗުގައިވެސް ގޯލެއް ނުޖެހެއެވެ.

ކުރީގެ ކޯޗު ވަލްވާޑޭގެ ފުރަތަމަ އެގާރައިން ބަރާބަރަށް ޖާގަ ލިބުނު ކުޅުންތެރިޔާއަކީ މިހާރުގެ ކޯޗު ކިކޭ ސެޓިއެން އެހާ ގަޔާވާ ކުޅުންތެރިއެއް ނޫނެވެ. އެކަން މިހާތަނަށް ކުޅުނު މެޗުތަކުންވެސް އެނގެއެވެ. މުހިންމު ގިނަ މެޗުގައި ގްރީޒްމަން ބެންޗްގައިވެސް އިންނަން ޖެހެއެވެ. އެންމެ ފަހުން ލީގުގައި އެތްލެޓިކޯ މެޑްރިޑާއި ވާދަކޮށް އެއްވަރުވި މެޗުގައި ގްރީޒްމަން ކުޅެން ނެރުނީ މެޗުގެ އިތުރު ވަގުތުގައެވެ.

މީގެ އިތުރުން ގްރީޒްމަން ވިއްކާލަންވެސް ކޯޗު ބޭނުންވާކަމަށް އަޑު ފެތުރިފައިވެއެވެ. މިހާތަނަށް ސެޓިއެންގެ ކޯޗުކަމުގައި ގްރީޒްމަންއަށް ލިބެމުން އަންނަ ފުރުސަތާއިއެކު މިއީވުން ގާތްކަމެއްކަމަށްވެއެވެ. އަނެއްކޮޅުން ގްރިޒްމަން ގަތުމާއި ގުޅޭގޮތުން އިންޓަރ މިލާނާއި އާސެނަލްގެ މަންދޫބުން މައުލޫމާތު އޮޅުންފިލުވާފައިވާކަމަށް ސްޕެއިންގެ މީޑިޔާތަކުން ރިޕޯޓްކުރެއެވެ.

އެތްލެޓިކޯ މެޑްރިޑާއިއެކު ލަލީގާގައި މޮޅު ކުޅުމެއް މީގެ ކުރިން ދައްކާފައިވާ ފޯވާޑްގެ ދިފާއުގައި މީގެ ކުރިން ބާސެލޯނާގެ ކުޅުންތެރިންވަނީ ތެދުވެފައެވެ. އޭގެ ތެރޭގައި ކުރީގެ ފޯވާޑް ރިވާލްޑޯ ފާހަގަކުރެއެވެ. މިގޮތުން އެންމެ ބޮޑަށް ގްރީޒްމަން ދިފާއުކުރީ ބާސެލޯނާއާއި ބްރެޒިލްގެ ކުރީގެ ތަރި ރިވާލްޑޯއެވެ. އޭނާ ބުނީ މޮޅު ކުޅުންތެރިއަކު ބާސެލޯނާއަށް ސޮއިކުރާ ހިސާބުން ސަޕޯޓަރުންގެ އުއްމީދުތައް ހުންނަނީ ވަރަށް މަތީގައިކަމަށެވެ.

ރިވާލްޑޯ ބުނީ މި ދަނޑިވަޅުގައި ގްރީޒްމަންއަށް ހިތްވަރުދީ އޭނާއަށް އެހީތެރިވެދޭން ޖެހޭނީ މެސީކަމަށެވެ. މިގޮތުން ޕެނަލްޓީތައް ޖެހުމަށްވެސް ގްރީޒްމަނަށް ފުރުސަތުދީ އޭނާ ލައްވައި ގޯލް ޖަހަން މަސައްކަތްކޮށްދީ ގްރީޒްމަންގެ ކޮންފިޑެންސް ހޯދުމަށް މެސީ އެހީވާން ޖެހޭކަމަށެވެ. ރިވާލްޑޯ ބުނީ ބާސާގެ ފޯވާޑް ސުއަރޭޒްވެސް ގޯލެއް ނުޖެހި ގިނަ މެޗްތަކެއް ދާން ފެށުމުން މެސީ މިގޮތަށް އެހީވާކަމަށާއި، ޓީމްގެ ހުރިހާ ކުޅުންތެރިންވެސް ފޯމުގައި ބަހައްޓަން މެސީ މަސައްކަތްކޮށްދޭން ޖެހޭކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!