އޮޒިލްއަށް އާސެނަލް ޓީމުން މިހާރު ފުރުސަތު ނުލިބެނީ ކީއްވެ؟
އާސެނަލްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔަކީ މިޑްފިލްޑަރ މެސުތް އޮޒިލްއެވެ. އޭނާއަށް ހަފްތާއަކު 350 ހާސް ޕައުންޑްގެ މުސާރައެއް އާސެނަލުން ހޭދަކުރެއެވެ. 2013ގައި ސްޕެއިންގެ ރެއާލް މެޑްރިޑުން އޮޒިލް އާސެނަލަށް ސޮއިކުރީ އޭރު ކުލަބުގެ ރެކޯޑު ފީއަކަށެވެ.
އާސެނަލަށް ބަދަލުވެ ފުރަތަމަ ދެ ތިން ސީޒަނެއްގައި އޭނާ މޮޅު ކުޅުމެއް ދެއްކިއެވެ. ނަމަވެސް ފަހަކަށް އައިސް އޭނާގެ ކުޅުން ދަށްވެ މިހާރު ޓީމްގެ ބެންޗުންވެސް އޮޒިލްއަށް ފުރުސަތު ލިބޭނީ މަދު ފަހަރެއްގައެވެ. ކުރިން ހުރި ކޯޗު އުނާއީ އެމްރީއާއި މައްސަލަ ޖެހި ޓީމުން ފުރުސަތު ލިބުން މަދުވި މިޑްފިލްޑަރަށް މިހާރުގެ ކޯޗު މިކޭލް އާޓެޓާގެ ކޯޗުކަމުގައިވެސް މާ ބޮޑުކަމެއް ކުރެވޭތަނެއް ނުފެނެއެވެ. ގިނައީ ޓީމްގެ ބެންޗުގައިވެސް ނުހިމެނޭ ފަހަރެވެ.
އޮޒިލްއަށް ވެގެން މިއުޅެނީ ކިހިނެއް ހެއްޔެވެ؟. 2010ގެ ވަރލްޑްކަޕްގައި މޮޅު ކުޅުމެއް ދެއްކި މިޑްފިލްޑަރު ރެއާލްގައި ދެއްކި ކަހަލަ މޮޅު ކުޅުމެއް މިހާރު ނުދެއްކެނީ ކީއްވެ ހެއްޔެވެ؟ އާސެނަލްގެ ފުރަތަމަ އެގާރައިން އޭނާއަށް ފުރުސަތުދޭން ކޯޗު ޖެހިލުންވަނީ ކީއްވެ ހެއްޔެވެ؟ އޮޒިލްގެ ބަދަލުގައި ޓީމްގެ ޒުވާން ކުޅުންތެރިން ނުވަތަ އެކަޑެމީ ޕްލޭޔަރުން ސްކޮޑުގައި ހިމަނާ ފަހަރު މަދެއް ނޫނެވެ. މިއީ ހައްތާވެސް އާސެނަލްގެ ސަޕޯޓަރުން ޖަވާބު ބޭނުންވާ ކަންކަމެވެ.
ކޮވިޑް-19ގެ މެދު ކެނޑުމަށްފަހު އާސެނަލުންވަނީ 5 މެޗެއް ކުޅެފައެވެ. މި ފަސް މެޗުގެ ތެރެއިން 3 މެޗުގެ ބެންޗުންވެސް އޮޒިލްއަށް ފުރުސަތު ނުލިބެއެވެ. އަނެއް ދެ މެޗުގައި ބެންޗުގައި އިން ނަމަވެސް އޭނާއަށް ކުޅެން ފުރުސަތެއް ނުލިބެއެވެ.
ކޯޗު މިކޭލް އާޓެޓާ ބުނީ ކޮންމެ ކުޅުންތެރިއަކުވެސް މެޗުތަކުން ފުރުސަތު ނުލިބޭތީ އެކަމާއި ދެރަވެ އިތުރަށް މަސައްކަތްކުރަން އޭނާ ބޭނުންވެއެވެ. އަދި މީގެ އިތުރުން ޓީމުން ފުރުސަތު ލިބެނީ ކޮންމެ ކުޅުންތެރިއަކުވެސް ޕްރެކްޓިސްގައި ކުރާ މަސައްކަތުންކަމަށްވެސް އޭނާ ބުންޏެވެ.
އޮޒިލްއާއި ގުޅޭގޮތުން އާޓެޓާ ބުނީ އޮޒިލް އެއްކޮށް ފިޓު ނޫންކަމަށާއި ބުރަކައްޓަށް ލިބިފައިވާ އަނިޔާއިން އެއްކޮށް އޭނާ ރަނގަޅު ނުވާކަމަށެވެ. މިއީ ކުރީގެ ކޯޗު އެމްރީވެސް އޮޒިލްއަށް މެޗުތަކުން ފުރުސަތު ނުދީ ދައްކާފައިވާ ވާހަކައެކެވެ.
ތަޖުރިބާކާރުން ބުނާ ގޮތުން އޮޒިލްއަށް ކޯޗު އާޓެޓާ ފުރުސަތު ނުދެނީ އޭނާގެ ގޭމް ޕްލޭނަށް އޮޒިލް ފިޓުނުވާތީއެވެ. މިކޭލް އާޓެޓާ އާސެނަލްގެ ލައްވާ ކުޅުވަން ބޭނުންވަނީ މިޑްފިލްޑްގެ ކުޅުންތެރިން ކުރިއަށް ޖެހިލައިން ގިނަ ވަގުތު ޕްރެސް ކޮށްގެން ކުޅޭ ކަހަލަ ސްޓައިލެކެވެ. އެހެކަމުން މިޑްފިލްޑް ލައިންގައި ޓެކުލް ކުރަން ރަނގަޅު، ބޯޅަ ގެއްލުމާއިއެކު ރަނގަޅު ޕޮޒިޝަންގައި ހުރެ ބޯޅަ ހޯދޭކަހަލަ ކުޅުންތެރިން އޭނާ ބޭނުންވެއެވެ. އެންމެންވެސް ބުނަނީ އޮޒިލްއަކީ އެކަހަލަ ކުޅުންތެރިއެއް ނޫންކަމަށެވެ.
އޮޒިލްއަކީ ފްރީ ރޯލެއް ދީގެން މޮޅަށް ކުޅޭނެ ކުޅުންތެރިއެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ޖަރުމަންގެ ގައުމީ ޓީމާއި، ރެއާލްގައިވެސް އޮޒިލް ކުޅުނީ އެކަހަލަ ސްޓައިލަކަށެވެ.
މިހާރު އޮތް ހާލަތަށް ބަލާއިރު އާސެނަލުން އޭނާ ވިއްކާލުން ގާތެވެ. ސަބަބަކީ އޭނާއަށް ދޭން ޖެހޭ މުސާރަ ބޮޑުވުމުގެ ސަބަބުން ކުލަބުގެ ބަޖެޓަށް ބާރު ބޮޑުވުމާއި، އޮޒިލްއަށް ހޭދަކުރާ ފައިސާއިން ރަނގަޅު ދެ ކުޅުންތެރިއަކު އެކުލަބަށް ހޯދުމުގެ ފުރުސަތު އޮތުމެވެ. ނަމަވެސް އޮޒިލްއަށް މިހާރު ދޭ މުސާރަ ބޮޑުކަމުން އެހެން ޓީމަކުންވެސް އޭނާ ގަތުމަކީ ދުރުކަމެއްކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ.
ލީގުގައި ބާކީ ހަ މެޗު އޮތްއިރު 31 އަހަރުގެ އޮޒިލް މެޗަކުން ފެންނާނެކަމަށް ސަޕޯޓަރުން އުއްމީދުކުރެއެވެ. ސަޕޯޓަރުންގެ މެދުގައި މަގުބޫލު ކުޅުންތެރިޔާއަކީ ޓީމުގައި ހުއްޓަސް ނެތަސް ސޯސަލް މީޑިޔާގައި ޓީމަށް ހިތްވަރު ދިނުމުގައި އެންމެ ކުރީގައި އުޅޭ ކުޅުންތެރިޔާ ، މެސުޓް އޮޒިލް އެވެ.