ރިޕޯޓް

"އައުޓް އޮފް ޑޭޓް" ވިޔަސް ކުށެއް ވާނީ ކުށަކަށެވެ.

ދެން އެމްވީ ، ދެން އޮންލައިން

މިއީ ބައެއް ފަރާތްތަކަށް އަޑުއަހަން ފަސޭހަ ވާހަކަ އަކަށް ނުވެދާނެއެވެ. އަދި ބައެއް ފަރާތްތަކަށް ގަބޫލު ކުރަން ދަތި ވާހަކަ އަކަށް ވެސް ވެދާނެއެވެ. ނުވަތަ ގަބޫލު ކުރަން ބޭނުންނުވާ ވާހަކަ އަކަށް ވެދާނެއެވެ. ނަމަވެސް ހަގީގަތް ވާނީ ހަގީގަތަށެވެ. އަމިއްލަ ލޯ ކުރިމަތީގައި ފެންނަން ހުންނަ ކަންކަމަށް ވެސް އިންކާރު ކުރެވިދާނެއެވެ. ނަމަވެސް ސިއްރު ކުރެވޭނީ ވެސް ވަކި ވަރަކަށެވެ. އަޅުގަނޑުގެ ހިތަށް އަރައެވެ. ހުރިހާ ކަމެއް ދެނެވޮޑިގެންވާ ފަރާތެއް ވާކަންވެސް ބައެއް ފަރާތްތަކަށް ނޭނގެނީ ބާވައެވެ.

Ads by STELCO

ދަންނަވަންތޯއެވެ. މީހަކު ކިތައްމެ ކުރިން ކޮށްފައިވާ ކުށެއް ނަމަވެސް އެ ކުށް ވާނީ ކުށަކަށެވެ. އޭގެ ފަހުން ވިހި އަހަރު ކީއްކުރަންތޯއެވެ؟ 50 އަހަރު ވިޔަސް އެ ކުށް ވާނީ ކުށަކަށެވެ. އަދި އެ ކުށަށް ލިބެން ޖެހޭ ހައްގު އަދަބު އެމީހަކަށް ލިބެން ޖެހޭނެއެވެ. ތެދެކެވެ. ބައެއް ކަންތައްތަކަކީ އެ ކަމެއްގެ އަސަރު އެތައް ދުވަހަކަށް ކުރާ ކަންކަމެވެ. މީހަކަށް ދެވޭ އަނިޔާއެއްގެ ސަބަބުން އެ އަނިޔާ ލިބޭ މީހެއް އެތައް އަހަރު ތަކެއް އެ އަނިޔާގައި ކެތް ނުވެގެން ހޭދަ ކުރަން ޖެހިދާނެއެވެ.

އާއެކެވެ. އެކުށުގެ ވޭނުގައި އެތައް ދުވަހަކު އުޅެން ޖެހެނީ ކުށް ކުރި މީހާ އެއް ނޫނެވެ. އެ ވޭނުގައި އުޅެން ޖެހެނީ އެ ހާދިސާގައި އަނިޔާ ލިބޭ ފަރާތެވެ. ކުށް ކުރި ފަރާތް މިނިވަން ކަމާއެކު ހަމަޖެހިގެން ދުވަސްތައް ހޭދަކުރަމުން ދިޔަ ނަމަވެސް އަނިޔާ ލިބުނު ފަރާތަށް އެކަން އެހެނެއް ނުވާނެއެވެ. އެ އަނިޔާގެ ބޭރުފުށުން ފެންނަން ނެތް ނަމަވެސް ނަފްސާނީ ގޮތުން އެމީހަކަށް އަސަރު ކޮށްފައި ވެދާނެއެވެ. އަޅުގަނޑަށް ޔަގީނެވެ. ތިމާގެ ދަރި ނުވަތަ ތިމާގެ އާއިލާ މީހަކަށް ބަޔަކު އަނިޔާ ކޮށްފިނަމަ ތިމާގެ ހިތުގައި ވެސް އެބަޔަކާ މެދު ނަފްރަތު އުފެދޭނެކަން ކަށަވަރެވެ. ތިމާގެ އާއިލާގެ މީހަކަށް އަނިޔާ ލިބިއްޖެ ނަމަ ހަމަ އިންސާފު ކޮބާހޭ ކިޔާ މަގުމައްޗަށް ކޮންމެ މީހަކުވެސް ނުފެންނާނެއެވެ.

އަޅުގަނޑުގެ ހިތުގައި ސުވާލުތަކެއް އެބަ ހުއްޓެވެ. ތިމާގެ އާއިލާގެ މީހަކު ނުވަތަ ތިމާގެ ދަރިއަކު ކުށެއް ކުރުމުން އެ ކުށް ކުށަކަށް ނުވަނީ ތޯއެވެ؟ އެ ކުށަކަށް ހައްގު އަދަބު ލިބެން ނުޖެހެނީ ތޯއެވެ؟ ނޫނެކެވެ. ކޮންމެ މީހަކު ކުރި ނަމަވެސް ކުށެއް ވާނީ ކުށަކަށެވެ. އެއީ ކިތައްމެ މަތީ މަގާމެއްގައި ހުރި މީހެއް ކަމުގައި ވިޔަސް މެއެވެ. ނަމަވެސް މުސްކުޅިން ބުނެ އުޅެނީ ތެދެކެވެ. ތިމާގެ ދަރި ތިމާއަށް ދޮންފުތު ވާނެއެވެ. ރުހުމުގެ ލޮލަކަށް އައިބެއް ވެސް ހަމަ ނުފެންނާނެއެވެ. ނަމަވެސް ތިމާގެ ދަރި ކުރި ކަމުގައި ވިޔަސް މައިންބަފައިން ކުރި ކަމުގައި ވިޔަސް ފިރިމީހާ ކުރި ކަމުގައި ވިޔަސް ކުށެއް ވާނީ ހަމަ ކުށަކަށެވެ. އަދި އެ މީހަކަށް ހައްގު އަދަބު ލިބެން ޖެހޭނެ ކަން ގަބޫލު ކުރަން ޖެހެއެވެ.

ނިކަން ވިސްނާލަބަލާށެވެ. މި ދުނިޔެ އަކީ ވަގުތީ ދުނިޔެ އެކެވެ. މި ދުނިޔެ އަކީ ފާނާކުރުވަނިވި ދުނިޔެއެކެވެ. އަޅުގަނޑުމެން އެންމެންނަކީ ވެސް މި ކެހިވެރި ދުނިޔެ ދޫކޮށް ދާން ޖެހޭނެ ބައެކެވެ. މިއަދު ތިމާގެ އާއިލާ މީހަކު ކުށެއް ކުރުމުން ހައްގު އަދަބު ނުލިބި މިނިވަންވާން ތިޔަ އެދެނީ މާދަމާ އަށް ކުޑަ ކޮށް ވެސް ވިސްނާ ނުލާ ހެއްޔެވެ؟ މާދަމާ ތިމާގެ ވެރި ރައްބުގެ ހަޒްރަތުގައި ޖަވާބުދާރީ ވާން ޖެހޭ ދުވަހެއް ވާކަން ހަމަ ނޭނގެނީ ތޯއެވެ؟ މި ދުނިޔެ އަކީ ވަގުތީ ތަނެއް ކަމާއި ދާއިމަށް ދެމިގެންވާ ހަޔާތެއް ވާކަން ހަމަ ނޭނގެނީ ތޯއެވެ؟

މާތްވެގެންވާ އިސްލާމް ދީނުގައި ކުށް ކުރާ މީހުންނަށް ދޭން ޖެހޭ އަދަބު ވަނީ ވަރަށް ސާފުކޮށް އަންގަވައި ދެއްވާފައެވެ. ހައްދު ކަނޑައެޅިފައިވާ ކުށެއް ކޮށްފައި ތައުބާ ވުމަށް އެ ހައްދު ފުރިހަމަ ކުރަން ޖެހެއެވެ. ނަމަވެސް މިއަދު މީގެ އެތައް ދުވަހެއް ކުރިން ހިނގާފައިވާ ކަމެއްގެ ވާހަކަ ދެއްކުމުން ހަޖަމު ނުވަނީ ކޮން ސަބަބަކާ ހުރެ ތޯއެވެ؟ ކުރިން ކުރި ކުށަކީ ވަކި ދުވަހެއް ވުމުން ހެޔޮ ކަމަކަށް ބަދަލު ވަނީ ތޯއެވެ؟ ނުވަތަ އެ ކުށެއް ގިނަ ދުވަސް ތަކެއް ވުމުން ކުށަކަށް ނުވަނީ ތޯއެވެ؟

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!