ޚަބަރު

ޖިންސީ އަނިޔާގެ މައްސަލާގައި އިހުމާލުވި އެންމެނަށް ހަރުކަށި އަދަބު ދޭންޖެހޭ: ޖަމީލް އުސްމާން

ދެން އެމްވީ ، ދެން އޮންލައިން

އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް އެ ކުއްޖާއަށް ޖިންސީ އަނިޔާ ދިން މައްސަލާގައި އިހުމާލުވި އެންމެނަށް ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެެވެ.

Ads by Sosun Fihaara

ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް ހިންގި ރަހުމް ކުޑައަމަލު ކުށްވެރި ކުރައްވައި ޖަމީލް އުސްމާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމުގައި އިހުމާލުވި އެންމެނާ މެދު ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

އެ މައްސަލައާ ގުޅޭގޮތުން "ދެން" އާ ވާހަކަ ދައްކަވަމުން ޖަމީލް އުސްމާން ވިދާޅުވީ އެ އަނިޔާވެރި އަމަލު ހަމައެކަނި ހަރުކަށި އިބާރާތުން ކުށްވެރިކޮށްލަ ކޮށްލާ ތިބުމަކުން ވާނެ ކަމެއް ނެތް ކަމަށާއި ތަހުގީގު އަވަސްކޮށް ގާނޫނީ ފިޔަވަޅު އެޅޭނެ އިންތިޒާމް އަވަހަށް ހަމަޖައްސަންވީ ކަމަށެވެ.

"ކޮންމެ ބަޔަކު ވެސް ބުނާނެ މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމޭ. ކުށްވެރިކުރުމަކުން ނިމުނީކީއެއް ނޫން. މި މައްސަލަ އަވަހަށް ތަހުގީގުކޮށް އަވަހަށް ގާނޫނީ ފިޔަވަޅު އެޅޭނެ އިންތިޒާމްތައް ހަމަޖައްސަންވީ،" ޖަމީލް އުސްމާން ވިދާޅުވިއެވެ.

ޖަމީލް އުސްމާން ވިދާޅުވީ ޖިންސީ އަނިޔާ ލިބުނު އުމުރުން ދެ އަހަރުގެ ކުއްޖާއަށް ރާއްކާތެރިކަން ކަށަވަރު ކުރެވިފައިވޭތޯ އިތުރަށް ޔަގީން ކުރަންޖެހޭ ކަމަށެވެ.

"އެ ތުއްތު ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދެވޭތޯ އިތުރަށް ކަށަވަރު ކުރަން އެބަޖެހޭ. އަދި މިފަދަ ހިތާމަވެރި ހާދިސާއެއް އެ ކުއްޖާއަށް ކުރިމަތިވުމަކީ ފަހަރެއްގައި ވެސް އެ ކުއެްޖާގެ މުސްތަގުބަލް ބަނަވާންޖެހޭ ސަބަބެއް ނޫން. އެ ކުއްޖާ އަށް ލިބިދޭންޖެހޭ އެންމެހައި ހައްގުތައް ލިއްބައިދޭން އެބަޖެހޭ. އެ ކުއްޖާ އަކީ މުސްތަގުބަލުގައި މި ގައުމަށް ޚިދުމަތް ކުރާނެ މީހަކަށް ހެދުމަށްޓަކައި ތައުލީމީ ފުރުސަތުތައް އެ ކުއްޖާއަށް ލިބިދޭން އެބަޖެހޭ،" ޖަމީލް ވިދާޅުވިއެވެ.

އުމުރުން ދެ އަހަރުގެ އަންހެން ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތު ކުރޭ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ވަނީ އިއްޔެ ހަވީރު އެރަށުން ހައްޔަރުކޮށްފައެވެ. އަދި އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ އިތުރުކޮށްދީފައެވެ.

އެ ތުހުމަތު އެ ކުއްޖާގެ ބައްޕައަށް ވެސް ކުރެވެއެވެ. ހުޅުމާލޭ ފްލެޓެއްގެ ތެރޭގައި ފިލައިގެން އުޅެނިކޮށް ރޭ ފުލުހުން ވަނީ އޭނާ ވެސް ހައްޔަރުކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!