ޚަބަރު

ރާއްޖޭގައި ދިވެހިން ރަހީނު ކުރުމަކީ ނުރައްކާތެރި ރަނގަބީލެއްގެ އަޑު: ޣައްސާން

ދެން އެމްވީ ، ދެން އޮންލައިން

ދިވެހިރާއްޖޭގައި ދިވެހިން ރަހީނުކުރުމަކީ ނުރައްކާތެރި ރަނގަބީލެއްގެ އަޑު ކަމަށް ތ. ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންތަކެއް އިއްޔެ ވަނީ އެ ރަށުގައި ތިބި ދިވެހިންތަކެއް ރަހީނު ކޮށްފައެވެ. ފުލުހުން ވަނީ މިއަދު ހެނދުބު ބޮޑުފިނޮޅަށް އަރައި އެ މީހުން ސަލާމަތް ކޮށްފައެވެ.

އެކަމާއި ގުޅިގެން ޣައްސާން މިރޭ ކުރެއްވި ޓްވީޓެއްްގައި ވިދާޅުވީ، ރާއްޖޭގައި ދިވެހިން ރަހީނު ކުރުމަކީ ނުރައްކާތެރި ރަނގަބީލެއްގެ އަޑު ކަމަށާއި އެފަދަ ކަމެއް ތަކުރާރުވިޔަނުދިނުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.

"ދިވެހި ފުލުހުންނާއި ސިފައިން ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވާނެ ކަމީ ޝައްކެއް އޮތް ކަމެއްނޫން،" ޣައްސާން ވިދާޅުވެ އެވެ.

ބޮޑުފިނޮޅަކީ ސީލް މޯލްޑިވްސް ކުންފުނީގެ ފަރާތުން ތަރައްގީ ކުރަމުންދާ ރިސޯޓެކެވެ. އެ ރިސޯޓްގެ މަސައްކަތް ކުރަމުން ދަނީ ރިޒް ޕްރައިވެޓް ލިމިޑެޓުންނެވެ. ރިޒް ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެއްބަސްވުމުގެ ދަށުން ސީލް މޯލްޑިވްސް ކުންފުނީގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ކޮންމެ މަސައްކަތު މީހަކަށް 7،000 ރުފިޔާ އާއި ކެއުމުގެ ހަރަދު ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ކުންފުނިން އެ މުސާރަތައް ދެމުން ނުދާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!