ޚަބަރު

ރަހީނު ކުރި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު ނާޅައިފި ނަމަ ރާއްޖޭގައި މިފަދަ އަމަލުތައް ތަކުރާރު ވެދާނެ: އާދަމް ޝަރީފް

ދެން އެމްވީ ، ދެން އޮންލައިން

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންތަކެއް އެ ރަށުގައި ތިބި ދިވެހިންތަކެއް ރަހީނު ކުރި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު ނާޅައިފި ނަމަ ރާއްޖޭގައި މިފަދަ އަމަލުތައް ތަކުރާރު ވެދާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅު ވެއްޖެއެވެ.

Ads by STELCO

ހަތް މަސް ދުވަހުގެ މުސާރަ ނުދީގެން ކަމަށް ބުނެ ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންތަކެއް އިއްޔެ ވަނީ އެ ރަށުގައި ތިބި 15 ދިވެއްސަކު ރަހީނު ކޮށްފައެވެ. ފުލުހުން ވަނީ މިއަދު ހެނދުބު ބޮޑުފިނޮޅަށް އަރައި އެ މީހުން ސަލާމަތް ކޮށްފައެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅިވީ ރަހީނު ކުރުމުގެ މި ނުރައްކާތެރި އަމަލު ސިރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ފަޔަވަޅު ނާޅައިފި ނަމަ ރާއްޖޭގައި ވެސް މިފަދަ އަމަލުތައް ތަކުރާރު ވެދާނެ ކަމަށެވެ.

"ސަފާރީ ރޭޕްގެ މައްސަލާގައި ކަންކަން ހިނގާދިޔަ ގޮތަށް މި މައްސަލަ ނުވާނެ ކަމަށް އުންމީދު ކުރަން." އާދަމް ޝަރީފް ވިދާޅުވިއެވެ.

ބޮޑުފިނޮޅަކީ ސީލް މޯލްޑިވްސް ކުންފުނީގެ ފަރާތުން ތަރައްގީ ކުރަމުންދާ ރިސޯޓެކެވެ. އެ ރިސޯޓްގެ މަސައްކަތް ކުރަމުން ދަނީ ރިޒް ޕްރައިވެޓް ލިމިޑެޓުންނެވެ. ރިޒް ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެއްބަސްވުމުގެ ދަށުން ސީލް މޯލްޑިވްސް ކުންފުނީގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ކޮންމެ މަސައްކަތު މީހަކަށް 7،000 ރުފިޔާ އާއި ކެއުމުގެ ހަރަދު ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ކުންފުނިން އެ މުސާރަތައް ދެމުން ނުދާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!