ޚަބަރު

ވޯޓު ލައިގެން ނަމާދު ކުރުމާ ނުކުރުން ކަނޑައެޅުމަކީ ޖާހިލު، ލާދީނީ އަމަލެއް: އަދުރޭ

ދެން އެމްވީ ، ދެން އޮންލައިން

ވޯޓުލައިގެން ގިނަ ވޯޓު ލިބޭގޮތަކަށް ނަމާދު ކުރުމާ ނުކުރުން، ރޯދަ ހިފުމާ ނުހިފުން، ޒަކާތް ދިނުމާ ނުދިނުން ކަނޑައެޅުމަކީ ޖާހިލު ލާދީނީ ޢަމަލެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަދުރޭ މިހެން ވިދާޅުވީ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި މިއަދު ހުކުރު ނަމާދުގެ ޖަމާއަތް ނުހެދުމަށް އިސްލާމިކް މިނިސްޓްރީން ނިންމުމާ ގުޅިގެންނެވެ. އަދި ހުކުރު ނަމާދު ނުކުރަން ނިންމީ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ވޯޓް ދެއްވައިގެންކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މިކަމާ ގުޅިގެން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނުގައި ﷲ ޝަރުޢުކުރެއްވި ކަންކަމާ މެދު ގޮތް ކަނޑައަޅަނީ ޤުރުއާނާ ސުންނަތުގެ އަލީގައި ދިރާސާކޮށްގެން ކަމަށެވެ.

"ލާދީނީ މިސްރާބަށް ރާއްޖެ ގެންދަން މަސައްކަތްކުރާ މީހުން މިސްކިތްތައް ތަޅާލަން ވީތޯ ނުވަތަ ނޫންތޯވެސް ވޯޓު ނަގަން މިހާރުގެ އިސްލާމިކް މިނިސްޓަރު މި ހުޅުވައިދެއްވީ މަގެއް ނޫންބާވައެވެ؟" އަދުރޭ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް ބުނި ގޮތުގައި މިއަދު ހުކުރު ނަމާދު ނުކުރަން ނިންމީ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހާއި، ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!