ޚަބަރު

އިހަވަންދޫ އެމްޑީޕީ ކައުންސިލަރަކު ޕީޕީއެމާ ގުޅި ޓިކެޓަށް އެދިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ހއ. އިހަވަންދޫ ކައުންސިލްގެ އެމްޑީޕީ މެމްބަރު އަހްމަދު ރިލްވާން އިދިކޮޅު ޕީޕީއެމަށް ސޮއި ކުރައްވައި އެޕާޓީގެ ޓިކެޓުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.

Ads by Sosun Fihaara

"ދެން" އަށް މައުލޫމާތު ލިބިފައިވާގޮތުގައި ރިލްވާން މިހާރު ވަނީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރުމަށް އެ ޕާޓީގެ އޮފީހަށް ފޯމް ވެސް ހުށަހަޅުއްވާފައެވެ. އަދި އޭނާ މިހާރު އަންނަނީ ކައުންސިލް އިންތިޚާބަށް ކެމްޕެއިން ވެސް ކުރައްވަމުންނެވެ.

ޕީޕީއެމްގެ ޓިކެޓުގައި އިހަވަންދޫ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޮޓޯއަކާ އެކު ރިލްވާން ފޭސްބުކުގައި ވިދާޅުވީ ދިރުމެއްވާތަނެއްގައި އުންމީދެއް ވާނެ ކަމަށެވެ.

ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލް އިންތިޚާބުގައި ވާދަކުރައްވަން ނިންމެވުމުން އިހަވަންދޫ ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ރިލްވާނަށް މަރުހަބާ ދަންނަވާފައެވެ.

ޕީޕީއެމްގެ ސަޕޯޓަރަކު ފޭސްބުކުގައި ބުނެފައި ވަނީ ރިލްވާނަކީ އިހަވަންދޫގެ ކުރިއެރުމާއި ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާ، ރައްޔިތުންގެ ވިންދާއި އިހްސާސްތައް ރަނގަޅަށް ދަންނަ ސިޔާސީ ވަރުގަދަ ފަހުލަވާނެއް ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި ރިލްވާން ކުރައްވާ އިޚްލާސްތެރި މަސައްކަތަށް އޭނާ ވަނީ އައްސަރިބަހާ ސާބަސް ދަންނަވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!