ސިފައިންގެ ދެ މީހަކު ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިކޮށްފި
ސިފައިންގެ ދެ މީހަކު ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައެއް، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮއިޒަނާ އާދަމް ފެންމަތި ކުރައްވައިިފި އެވެ.
ދެކުނު ރަށެއްގައި ތިންބަފައިން ދެ އަަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލައެއް ފެންމަތިވުމާއެކު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ކުއްލި ބައްދަލުވުމެއް ހުކުރު ދުވަހުގެ ރޭ ވަނީ ބާއްވައިފައެވެ.
އެ ބައްދަލުވުމުގައި ރޮޒައިނާ ވިދާޅުވީ، ކަމާބެހޭ އިދާރާތަކަށް ރިޕޯޓް ކުރިޔަސް އެފަދަ މައްސަލަތަކުގައި އަޅަން ޖެހޭ ފިޔަވަޅު ނާޅާ ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ސިފައިންގެ ދެ މީހަކު އުމުރުން 15 އަހަރު އަންހެން ކުއްޖެއް ރޭޕް ކުރި މައްސަލައެއް ބެލުން ލަސްވެފައި ވުމެވެ.
"އެއްކަލަ ސިފައިންގެ މީހުން ޔުނީފޯމު އަޅައިގެން އޮފީހަށް ގޮސްގޮސް އެ ތިބެނީ. ރޭޕްކުރި ކުއްޖާ އެ ހުރީ ހުރި ގޮތަށް. ކަމެއް ކިޔައި ނުދެވޭ ވަރުގެ ކުއްޖެއް ނޫން. ފަނަރަ އަހަރުގެ ކުއްޖެއްގެ ވާހަކަ މި ދައްކަނީ. އެކަމަކު އަދިވެސް އެ މީހުން ދޫވެފައި އެ ތިބެނީ،" ރޮޒައިނާ ވިދާޅުވިއެވެ.
އެ ކުއްޖާގެ މަންމަ އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުމުން ވެސް އެކަން ކުރިއަށް ނުދިޔަ ކަމަށާއި އެހެންވެ އޭނާ އަމިއްލަ އަށް ފުލުހަށް ވަޑައިގެން އެ މައްސަލަ ހުށަހެޅުއްވި ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ ޒިންމާ ފުރިހަމައަށް އަދާކުރެވޭ އެއްވެސް މުއައްސަސާއެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ހުރިހާ ތަނަކުންވެސް ކަންކަން ކުރަމުންދަނީ ވަރަށް ދޯދިޔާކޮށް ކަމަށް ވިދާޅުވިއެވެ.