ޖިންސީ އަނިޔާ ލިބުނު ކުޑަކުއްޖާ މާލެ ގެނެސް އެޑްމިޓުކޮށްފި
ގއ. ކަނޑުހުޅުދޫގައި ޖިންސީ އަނިޔާ ލިބުނު ތުއްތު ކުއްޖާއަށް ލިބިފައިވާ ގެއްލުންތައް އިތުރަށް ވަޒަންކުރުމަށްޓަކައި އެކުއްޖާ މާލެ ގެނެސް އެޑްމިޓްކޮށްފިއެވެ.
އެއް ޢާއިލާއަކަށް ނިސްބަތްވާ ތިން މީހަކު ހިމެނޭ ގޮތަށް ދެ އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުކުރެވޭމައްސަލައާއި ގުޅޭގޮތުން ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ ކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާކަން ފާހަގަކުރެވިފައިވާތީ، ކުއްޖާއަށް ލިބިފައިވާ ގެއްލުންތައް އިތުރަށް ވަޒަންކުރުމަށްޓަކައި ރޭ 20:30 ހާއިރު ކުއްޖާގެ މަންމަ ފަރާތު ބޮޑުދައިތައެއްގެ ޙަވާލުގައި ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ކުއްޖާ މާލެ ގެނެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވާކަމަށެވެ.
"މި މައްސަލަ ފެންމަތިވުމާއެކު ކުއްޖާ ދިރިއުޅެމުން ދިޔަ މާޙައުލަށް ޖެންޑަރ މިނިސްޓްރީގެ ކޭސް ވޯކަރުންނާއި، ފުލުހުން ގޮސް މަޢުލޫމާތު ސާފުކުރުމަށްފަހު، ކުއްޖާގެ މެޑިކަލް އެސެސްމެންޓް ހެދުމަށްޓަކައި މިދިޔަ ބުދަދުވަހުގެ 20:45 ހާއިރު އެ ކުއްޖާ މިނިސްޓްރީގެ ކޭސް ވޯރކަރުންގެ ބެލުމުގެ ދަށަށް ގެނެސް، އެރޭގެ 22:55 ހާއިރު ކުއްޖާ ސަރަޙައްދީ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އަދި ކުއްޖާ ޑޮކްޓަރަށް ދައްކައި ބެލިބެލުމުން ކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާކަމަށް ބެލެވޭތީ ކުއްޖާ ރައްކާތެރި މާޙައުލަކަށް ބަދަލުކުރުމަށްޓަކައި، ކުއްޖާ ޢާއިލާގެ ފަރާތުން ބޮޑުދައިތައާ ވަގުތީގޮތުން ވަނީ ޙަވާލުކޮށްފައެވެ" ބަޔާނުގައި ވެއެވެ.
ދެ އަހަރުން ދަށުގެ ކުއްޖާއަށް ޖިންސީ އަނިޔާކުރިކަމަށް ތުޙުމަތު ކުރެވޭ ކުއްޖާގެ ބައްޕައާއި، ބައްފަ ފަރާތު ކާފައާއި މުނިކާފަވެސް ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ބައްފަ ފަރާތު 62 އަހަރުގެ ކާފައާއި، 82 އަހަރުގެ މުނިކާފަ ކޯޓު އަމުރަކާއެކު ހައްޔަަރުކޮށްފައިވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ. އަދި މިކަން ފެންމަތިވުމާއެކު 33 އަހަރުގެ ބައްޕަ ރަށުން ފިލައިގެންގޮސް ހުޅުމާލޭގައި ހުއްޓާ، ރޭ 19:70 ހާއިރު ވަނީ ހައްޔަރުކޮށްފައެވެ.
އެކުއްޖާގެ ކާފައާއި މުނިކާފަ މާލެ ގެނެސް ދޫނިދޫގައިވަނީ ބަންދު ކޮށްފައެވެ. އަދި މިދެ މީހުންނަށްވަނީ ގެމަނަފުށީ ކޯޓަށް ގެންގޮސް 15 ދުވަހުގެ ބަންދެއް ޖަހާފައެވެ.