މުހުތާޒް މިނިސްޓަރު އިމްރާނަށް: ޖަލު އިސްލާހު ނުކުރެވެނީ ގޯސް ހެދި މީހުން ކައިރިކުރުމުން
ޖަލުތައް އިސްލާހު ނުކުރެވިގެން އުޅެނީ ގޯސްހެދި މީހުން ކައިރިކޮށްގެން އުޅޭތީ ކަމަށް ވިދާޅުވެ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން ޢަބްދުﷲ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހުރިހާ ޖަލެއް ފުރިފައިވާ މައްސަލައާ ގުޅޭގޮތުން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި މުހުތާޒް ވަނީ ޖަލުގައި ޖާގަ ހަދައިދޭންވީ ރައީސުލްޖުމްހޫރިއްޔާތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.
ހުވަޔާ އެއްގޮތަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭނަމަ އިސްތިއުފާދެއްވުމަށް މުހުތާޒް ވަނީ މިނިސްޓަރު އިމްރާނަށް ގޮވާލައްވާފައެވެ.
ކަރެކްޝަންސްގެ ޖަލު ފުރިގެން ޖަލަށް ލާންޖެހޭ މީހުން އަދިވެސް ތިބީ ދޫނިދޫގައި ހުންނަ ފުލުހުންގެ ކަސްޓޯޑިއަލް ޖަލުގައެވެ. އެކަމާ ގުޅޭގޮތުން މުހުތާޒް ވިދާޅުވީ ތަންފީޒު ޖަލެއްގައި ހުންނަންޖެހޭ ގައިދީއަކު ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އަދި ޖަލު އޮޑިޓްގެ ހުށަހެޅުންތަކަށްވީ ކިހިނެތްތޯ މިނިސްޓަރު އިމްރާން ސާފުކޮށްދެއްވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހޯމް މިނިސްޓަރު އުސްތާޒް އިމްރާން އަޅުގަނޑުމެން ދެ އަހަރާއި އަށް މަސް ހޭދަކުރީ ކަރަންޓް ނެތް ނޫހު ގޮޅީގައި. އިސްލާހުތަކެއް ގެންނަވާނެ ކަމަށް އުންމީދު ކުރެވުނު. އެކަމަކު ހަމައޭރުގަ ވެސް ޖަލު ހިސޯރުކޮށްގެން ގޯސް ހަދަހަދާ ތިބި ބަޔަކު ކައިރިކުރައްވައި މަގާމުގެ ކުރިއެރުން ދެއްވުމުގެ ނަތީޖާ އަކީ ޖަލު އިސްލާހު ކުރުމަށް އެމަނިކުފާނަށް ދަތިވުން،" މުހުތާޒް ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން މަޖިލީހުގެ މެމްބަރުން ވިސްނާ ވަޑައިގަތުމަށް މުހުތާޒް އިލްތިމާސް ކުރެއްވިއެވެ. ގާނޫނުން މަޖިލީހަށް މަތިކޮށްފައިވާ ބާރުގެ ބޭނުން ކުރައްވައިގެން ޖަލު އޮޑިޓް ރިޕޯޓްގެ ރިކޮމެންޑޭޝަންތަކަށް އަމަލުކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.