ޚަބަރު

ބޭނުންވަނީ މިފަދަ ޒުވާނުން!

މީހަކަށް ޖެހިފައިވާ ކިތަންމެ ކުޑަނަމަވެސް ބޭނުމެއް ފުއްދައިދީ، އެހީތެރިވުމަކީ ކުޑަ ކަމެއް ނޫނެވެ. އެއީ މުޅި އިންސާނިއްޔަތަށް ވެވޭ އެހީތެރިކަމެކެވެ. އަމުދުން މިފަދަ ދަނޑިވަޅެއްގައި ދައްކައިދެވޭ ފުރިހަމަ ނަމޫނާއެކެވެ.

ފޭސްބުކުގައި އެމްވީ ޕުލަސް އިން އާއްމުކޮށް ،ތިރީގައި އެވާ ވީޑިއޯ އިން ދައްކައިދެނީ ހާއްސަ އެހީއަށް ބޭނުންވާ ބޭބެއަކަށް ބޭންކް އޮފް މޯލްޑިވްސް ކައިރިން ޒުވާނަކު އެހީތެރިވާ މަންޒަރެވެ. މި ޒުވާނާއަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް(އެމްޕީއެލް)ގައި މަސައްކަތް ކުރާ ޒުވާނެކެވެ. ﷲ އެ ޒުވާނާއަށް ބަރަކާތް ލައްވާންދޭވެ. އާމީން!

ވީޑިއޯގައިވާ ފަދައިން މިފަދަ އިޚްލާޞްތެރި ޒުވާނުންގެ އަމަލުތަކާއެކު އިންސާނީ ގަދަރު މުޖުތަމަޢުގައި އަށަގަނުވާ ހަރުލެއްވިދާނެއެވެ. މި ވީޑިއޯ މިހާތަނަށް ފަސްހާހަށްވުރެ ގިނަ ބަޔަކު ބަލާފައިވާއިރު އެތައް ބަޔަކު ގެންދަނީ ފޭސްބުކުގައި ހިއްސާ ކުރަމުންނެވެ.

ރަސޫލުﷲ (ސއވ) ހަދީޘް ކުރައްވާފައިވެއެވެ. ''މީހަކަށް ޖެހިފައިވާ ދަތި އުނދަގުލެއް ފިލުވައިދިން މީހަކަށް ޤިޔާމަތް ދުވަހުގައި، ﷲ ތަޢާލާ ދަތިކަމެއް ފިލުއްވާދެއްވާ ހުއްޓެވެ. އަދި ބޭނުން ޖެހިފައިވާ މީހަކަށް އެހީތެރިވެދިން މީހަކަށް، ދުނިޔެއާއި އާޚިރަތުގައި ﷲ ތަޢާލާ އެހީތެރިވެދެއްވުމުގައި ވޮޑިގެންވެއެވެ.''

ފަހެ ﷲ ތަޢާލާ ގެ ޙަޟްރަތުން ނޫނީ އެއްވެސް މަދަދެއް ނުލިބޭނޭ ދުވަހަކާ އަޅުގަނޑުމެން ބައްދަލުކުރަން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް އެދުވަހުގައި، އެންމެ ހެޔޮކަމަކަށް ބޭނުންވެގެންވާ މީހެއް ކަމަށް ވެސް ވެދާނެއެވެ. ވީއިރު އެދުވަހުގައި ﷲ ތަޢާލާގެ އެހީތެރި ވޮޑިގެންވުން ހާސިލްކުރެވޭ މީހަކަށްވުރެ ނަސީބުވެރިމީހަކީ ކޮބައިތޯއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!