ޚަބަރު

ކުޑަ ކުއްޖާ މައްސަލާގައި ކުރެއްވި ޓްވީޓަށް މަހުލޫފް މައާފަށް އެދިވަޑައިގެންފި

ދެން އެމްވީ ، ދެން އޮންލައިން

ދެ އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ކުރެއްވި ޓުވީޓުތަކުގައި ދަށު ދަރަޖައިގެ ބަހުރުވަ ބޭނުން ކުރައްވާފައި ހުރުމުން ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފިއެވެ.

މިނިސްޓަރު މަހުލޫފު އިއްޔެ ކުރެއްވި ޓުވީޓުތަކުގައި ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހުން ހަވަރަށް ދިނުމަށް ގޮވާލައި، އެއީ ޖަނަވާރުންގެ ގޮތުގައި ވަނީ ސިފަކުރައްވާފައިވެ އެވެ.

މަހްލޫފުގެ މި ޓްވީޓުތަކާއި ގުޅިގެން ބައެއް އާންމުންނާއި ސިޔާސީ ފަރާތްތަކުން ވަނީ އޭނާ އަށް ފާޑު ކިޔާފައެވެ. މިނިސްޓަރެއްގެ މަގާމުގައި ހުރި ގާނޫނު އަތަށް ލުމަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި މަހުލޫފު ވިދާޅުވީ ދަށު ދަރަޖައިގެ ބަހުރުވައިން ޓުވީޓު ކުރެވުނީތީ މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަކީހަ އަހަރުގެ އަންހެން ކުއްޖެއްގެ ބައްޕައަކަށް ވުމުން ރުޅި ކޮންޓްރޯލު ނުވީ. މިނިސްޓަރަކަށް ވުރެ ކުރިން އަޅުގަނޑަކީ ވެސް އިންސާނެއް. މައާފު." މައާފަށް އެދިވަޑައިގެން މިނިސްޓަރު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ދެކުނު ރަށެއްގައި ދެ އަހަރު ނުފުރޭ ކުއްޖަކަށް އެކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ ޖިންސީ ގޯނާ ކުރާކަމުގެ މައްސަލައެއް މީގެ ދެ ދުވަސް ކުރިން ވަނީ ފެންމަތިވެފަ އެވެ.

އިއްޔެ އެ ތިންބަފައިން ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައްސަލައިގެ ތަހުގީގު ފަށައިފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!