ޚަބަރު

ސިފައިންގެ ދެ މީހަކު ކުއްޖަކު ރޭޕްކުރި ކަމުގެ މައުލޫމާތެއް ނުލިބޭ: އެމްއެންޑީއެފް

ސިފައިންގެ ދެ މީހަކު 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުށަހެޅިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިހެން ބުނެފައިމިވަނީ ސިފައިންގެ ދެ މީހަކު 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރިކަމަށް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ރޭ ވިދާޅުވެފައިވާތީ ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ބަޔާނުގައި އެމްއެންޑީއެފުން ބުނީ މިފަދަ ކަމެއް ހިނގާފައިވާކަމުގެ މަޢުލޫމާތު އެއްވެސް ފަރާތަކުން އެ މުއައްސަސާއާއި ހިއްސާކޮށްފައި ނުވާ ކަމަށާއި އަދި ރޮޒެއިނާ އާއި ފުލުހުންނާ، އެ މުއައްސަސާގެ ފަރާތުން ގުޅުމުން، 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރިކަމެއް ނުވަތަ އެކަމެއް ކުރި މީހަކު ނުވަތަ ބަޔަކު ބުނެދެވިފައި ނުވާ ކަމަށެވެ.

"ސިފައިންގެ މީހެއްގެ ފަރާތުން މިފަދަ ދަށު ދަރަޖައިގެ ލާއިންސާނީ ޢަމަލެއް ހިނގާފައިވާކަމުގެ މަޢުލޫމާތެއް އެއްވެސް ފަރާތަކުން މި މުއައްސަސާއާއި ހިއްސާކޮށްފިނަމަ އެ މައްސަލައެއް ވަގުތުން ބަލައި ވަގުތުން ފިޔަވަޅު އަޅާނަމެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މިގޮތައް ޢަމަލު ކުރެވޭނެ ކަމުގެ ޔަޤީންކަން ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ ގއ.ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ މައުސޫމު ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައަކީ އެމްއެންޑީއެފުން ވެސް ނުހަނު ކަންބޮޑުވާ ކަމެއް ކަަމށެވެ. އަދި މި ލާއިންސާނީ އަނިޔާވެރި ޢަމަލު ހިނގި ފަރާތްތަކަށް ހައްޤު އަދަބު ލިބުމަކީ އެ މުއައްސަސާގެެ ވެސް ނުހަނު ބޮޑު އެދުމެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!