ޚަބަރު

މުނިކާފަގެ ޖިންސީ ގޯނާގެ އިތުރު މައްސަލައެއް އެބައޮތް، އޭރު ދޫކޮށްލީ އުމުރަށް ބަލާފައި: ފުލުހުން

ދެން އެމްވީ ، ދެން އޮންލައިން

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ކުއްޖާގެ މުނިކާފަގެ ކުރިން އޮތް ޖިންސީ ގޯނާގެ މައްސަލައިގައި އޭނާ ހައްޔަރުނުކޮށް ދޫކޮށްލާފައިވަނީ އުމުރަށް ބަލާފައި ކަމަށް ފުލުހުން ބުނެފިއެވެ.

Ads by MWSC

ފުލުހުންނާއި ޖެންޑާ މިނިސްޓަރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ ދެ އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ 82 އަހަރުގެ ކުއްޖާގެ މުނިކާފަ އެހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް 2018 ވަނަ އަހަރު ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުންނަށް 2018 ވަނަ އަހަރު ހުށަހެޅުނު އެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު އެ އަހަރުގެ މެއި މަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުނު ނަމަވެސް އެ މައްސަލައިގައި އޭނާ ހައްޔަރުނުކޮށް ދޫކޮށްލަން ނިންމާފައިވަނީ އުމުރަށް ބަލާފައި ކަމަށް މަންނާނު ވިދާޅުވިއެވެ.

މަންނާނު ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތެއް މިދިޔަ އަހަރުގެ ޖޫން މަހު ބާއްވާފައިވާ ކަމަށެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލައަކީ ފުލުހުން ވެސް ހާއްސަ އިސްކަމެއް ދީގެން ބަލާ މައްސަލަތަކެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގައި އެކުއްޖާގެ މުނިކާފަގެ އިތުރުން ކާފަ އާއި ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި މުނިކާފަ އާއި ކާފައަށް ކުރަނީ ޖިންސީ ގޯނާކުރިކަމުގެ ތުހުމަތެވެ. އަދި ކުއްޖާގެ ބައްޕައަށް ކުރަނީ އިހުމާލުވިކަމުގެ ތުހުމަތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!