ކުއްޖާގެ ކާފަ މުދިމުކަމުން ސަސްޕެންޑްކޮށްފި
ގއ. ކަނޑުހުޅުދޫގައި ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި އެ ކުއްޖާގެ ކާފަ، އިބްރާހިމް ދީދީ އިމާމު ކަމުގެ ވަޒީފާއިން ސަސްޕެންޑުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރި އެ ކުއްޖާގެ ކާފަ އިބްރާހިމް ދީދީ ،62، އަދާކުރަމުން އައީ ކަނޑުހުޅުދޫ މިސްކިތުގެ އިމާމު ކަމުގެ ވަޒީފާ އެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ ކުޑަކުއްޖަކާ މެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގުމުގެ ތުހުމަތުގައި ހައްޔަރު ކުރުމާއި ގުޅިގެން އޭނާ ކަނޑު ހުޅުދޫ މިސްކިތުގެ އިމާމު ކަމުގެ ވަޒީފާއިން މިހާރު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
އެ ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވިފައިވަނީ އެ ކުއްޖާގެ މުނިކާފަ އަދި ކާފަ އަށެވެ. މި މައްސަލާގައި އެ ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށްފައިވާއިރު އޭނާގެ މައްޗަށް ކުރެވިފައިވަނީ ކުއްޖާ އަށް އިހުމާލުވުމުގެ ތުހުމަތެވެ. މި އެންމެން ވެސް އިއްޔެ ހައްޔަރުކޮށް ވަނީ ބަންދަށް 15 ދުވަސް ޖަހާފައެވެ.
ޖިންސީ ގޯނާގެ ޝިކާއަރަކަށްވި އެ އަންހެން ކުއްޖާ މިހާރު ވަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މައްސަލަ ފުލުހުންނާއި ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުނެއެވެ.