ޚަބަރު

ހެލްމެޓް ނާޅާ ބުރިޖްގައި ދުއްވީ މީހަކު ސަލާމަތްކުރަން: ފުލުހުން

ދެ ފުލުހަކު ހެލްމެޓް ނާޅާ ސައިކަލެއްގައި ބްރިޖް މަތިން ދިޔައީ މީހަކު ބްރިޖްމަތިން ފުންމާލަން އުޅުމުން އޭނާ ސަލާމަތް ކުރަން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހެލްމެޓް ނާޅާ ސައިކަލެއްގައި ދުއްވާފައި ދިޔަ ދެ ފުލުހެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވުމާއެކު ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ފާޑުކިޔުންތަކަށް ޖަވާބު ދެއްވަމުން ފުލުހުން ވިދާޅުވީ އެހެން އެވީ ނަފްސާނީ ބައްޔެއް ހުރި މީހަކު ބްރިޖުން ފުންމާލަން އުޅުނު ކަމުގެ މައުލޫމާތު ލިބުމުން ކުއްލިއަކަށް ދާން ޖެހުމުން ކަމަށެވެ. އަދި ހެލްމެޓް ނާޅާ އެ ދެ ފުލުހުން ދިޔައީ އެ ވަގުތު ހުރި ޑިއުޓީ އޮފިސަރުގެ ހުއްދައާ އެކު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

"އިމަޖެންސީ ހާލަތެއް އައުމުން، މީހެއްގެ ފުރާނަ ސަލާމަތް ކުރުމުގެ ގޮތުން ޑިއުޓީ އޮފިސަރުގެ ހުއްދައާ އެކު އެވަގުތު ތިބިގޮތަށް، ހެލްމެޓް އަޅާނެ ވަގުތު ނެތުމުން ދިޔައީ،" ފުލުހުން ވިދާޅުވިއެވެ.

ބްރިޖުން ފުންމާލަން އުޅުނު ފިރިހެން މީހާ ހުއްޓުވައި، އޭނާ އަށް ފަރުވާ ދޭން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެ ފިރިހެން މީހާ މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ބްރިޖުން ދަތުުރުކުރާ އިރު ހެލްމެޓް އެޅުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިދިޔަ މާޗު މަހުން ފެށިގެން މަޖުބޫރުކޮށްފަ އެވެ. ބްރިޖް މަތިން ދުއްވާ އިރު ބޭނުން ކުރަން ޖެހެނީ މިނިސްޓްރީން ކަނޑައަޅާފައިވާ ވައްތަރުގެ ހެލްމެޓް އެކަންޏެވެ. އެހެން ބާވަތުގެ ހެލްމެޓް އަޅާ ނަމަ ޖޫރިމަނާ ކުރެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!