ރިޕޯޓް

ޚާއްސަ އެހީއަށް ބޭނުންވާ މިމީހާ ކައިވެނި ކުރަން މީހަކު ހޯދަން އުޅުމުން ބުނީ "ދުވަހަކު ވެސް އިންނާނެ މީހަކު ނުލިބޭނެ" ކަމަށް!

ދެން އެމްވީ ، ދެން އޮންލައިން

ޚާއްސަ އެހީއަށް ބޭނުންވާ ޑާރބީގެ އިމްރާން އާދަމް (33އ.) ދިޔައީ އެހެން މީހުންނެކޭ އެއްފަދައިން، އުފާވެރި ދިރިއުޅުމެއް ހޯދުމަށް ކައިވެނި ކުރާނެ މީހަކު ހޯދަމުންނެވެ.

Ads by STELCO

އެގޮތުން މުސްލިމުން ކައިވެނި ކުރާނެ މީހުން ހޯދުމަށް ހަދާފައިވާ ވެބްސައިޓަކަށް ވެސް ވަނުމުގެ އިތުރުން އެވެބްސައިޓުގެ މީހުން ބާއްވާ އެކިއެކި ޖަލްސާ ތަކުގައިވެސް އިމްރާން ދިޔައީ ގަވާއިދުން ބައިވެރިވަމުންނެވެ. އޭނާއާއި ކައިވެނި ކުރަން ޝައުޤުވެރިކަން ހުރި މީހަކު ފެނޭތޯ ހިތްވަރާއެކު މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ލިބެމުންދިޔައީ މާޔޫސްކަމެވެ.

އެފަދައިން އެއްފަހަރު އޭނާ ދިޔަ ޖަލްސާއެއްގައި، އޭނާއާއި ކައިވެނި ކުރާނެ މީހަކު ލިބިއްޖެތޯ ސުވާލު ކުރުމުން، އެއިވެންޓު ހިންގާ އެކަކު އިމްރާން އާއި ދިމާލަށް ބުނީ ދެން އެމަސައްކަތް ހުއްޓާލަން ފެންނަ ކަމަށާއި އިމްރާން އަށް "ދުވަހަކު ވެސް އިންނާނެ މީހަކު ނުވާނެ" ކަމަށެވެ.

އޯގަނައިޒަރުގެ އެބަސްތަކުން އިމްރާންގެ ހިތައް ވަރަށް އަސަރުކޮށް އޭނާ އެވަގުތުވެސް ގިސްލަ ގިސްލާފައި ރުއި ކަމަށާއި، ކުރި އަސަރެއްގެ ބޮޑުކަމުން އިވެންޓު އޯގަނައިޒަރާއި ދެކޮޅަށް މައްސަލަ ޖައްސަން ފުލުހަށް ދިޔަ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ނަމަވެސް އެއީ ޖެއްސޭނެ މައްސަލައެއް ނޫން ކަމަށް ފުލުހުން ނިންމި ކަމަށާއި އެހެންކަމުން އޭނާ ދެން އެވާހަކަތަށް ހިއްސާ ކުރީ ޑިސެބިލިޓީ ސެންޓަރަކާއި ކަމަށް ވެސް ބުނެފައިވެއެވެ.

އެވެބްސައިޓުގެ މީހުންނާއި އެސެންޓަރުގެ ފަރާތުން ސުވާލު ކުރުމުން އެމީހުން ވަނީ އިމްރާން ގެ ވާހަކަތަށް ދޮގުކޮށް، އެހެން ނުބުނާކަމަށް ބުނެފައެވެ. އަދި އޯގަނައިޒަރު ބުނީ ކައިވެނި ކުރަން "އޭނަ ކަހަލަ މީހަކު ހޯދުމަށް" ކަމަށް ވެސް ބުންޏެވެ.

އިމްރާން އާދަމް އަކީ ސެރެބްރަލް ޕަލްސީ ހުރުމުގެ ސަބަބުން އަތްފައި ރަނގަޅަށް ހަރާތް ނުކުރެވޭ އަދި ވާހަކަ ދެއްކުމުގައި ވެސް މައްސަލަ ހުންނަ މީހެކެވެ. ނަމަވެސް މިކަންކަމާއިއެކު ވެސް އޭނާއަކީ ވަރަށް މޮޅަށް ލިޔާ މީހެއް ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!