ދުނިޔެ

ކޮވިޑް19: އަލާމާތް ނުފެންނަ މީހަކު އަރާފޭބި ލިފްޓަކުން 71 މީހުން ފައްސިވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ޖެހިފައި ހުރިކަން ނޭނގޭ މީހަކު އަރާފޭބި ލިފްޓެއްގެ ސަބަބުން އެ ލިފްޓުން ދަތުރުކުރި 71 މީހަކަށް ވައިރަސް ޖެހިފައިވާ ކަމަށް ދިރާސާވެރިން ބުނެފިއެވެ. އެގޮތުން މިއީ އެމެރިކާގެ އެ ސަރަހައްދުގައި ވައިރަސް ފެތުރުނު ޒީރޯ ޕޭޝަންޓު ކަމުގައި ދިރާސާވެރިން ދެކެއެވެ.

Ads by Sosun Fihaara

އެގޮތުން ޗައިނާ އިން ދަތުރުކޮށްފައި އައި މި މީހާ އެމެރިކާ އަށް އެނބުރި އައިސްފައިވަނީ މާޗު މަހުގެ 19 ވަނަ ދުވަހުއެވެ.

އެމެރިކާ އަށް އޭނާ އައިސްފައިވަނީ ވައިރަހުގެ އަލާމާތެއް ވެސް ފެނިފައިނުވުމާއެކު ކޮވިޑް ޓެސްޓުން ނައްސިވުމުންނެވެ. ޓެސްޓުން ނައްސިވީ ނަމަވެސް އޭނާ ގޭގައި ކަރަންޓީނުވެސް ވެފައިވެއެވެ.

ޗައިނީސް ޑިސީޒް ކޮންޓްރޯލް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އޭނާ އާ ސީދާކޮށް އެއްވެސް މީހަކާ ބައްދަލުވެފައެއް ނުވެއެވެ. ނަމަވެސް އެ އިމާރާތުގައި ދިރިއުޅޭ ބައެއް މީހުން ފައްސިވާން ފެށުމާއެކު އެ ދަތުރުވެރިޔާ ވަނީ އަލުން އެންޓިބޮޑީ ޓެސްޓު ހަދާފައެވެ.

އެންޓިބޮޑީ ޓެސްޓުން އޭނާ އަށް ކުރިން ވައިރަސް ޖެހިފައި ހުރި ކަމަށް ދެއްކިއިރު ސައިންސްވެރިން ބެލި ބެލުމުން ވައިރަސް ފެތުރިފައިވަނީ އެ ދަތުރުވެރިޔާ ލިފްޓުން އަރާފޭބުމުން ލިފްޓު އިންފެކްޓުވުމުގެ ސަބަބުންނެވެ.

މި ދިރާސާގެ އަލީގައި ވައިރަހުގެ އަލާމާތް ނުފެންނަ މީހުންގެ ފަރާތުން ވެސް ވައިރަސް ފެތުރޭ ކަން ހާމަވެގެންދާ ކަމަށް އެ ދިރާސާ ގެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މިއީ ވައިރަހުގެ ނުރައްކާތެރިކަން އިތުރުވެގެންދާ ކަމެއް ކަން ވެސް ފާހަގަކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!