މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ގއ. ނިލަންދޫގައި ކުރިއަށް ގެންގޮސްފި
ކުށް މަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމު ކުރުމާއި ކުށްމަދު ކުރުމަށް ރައްޔިތުން އިތުރަށް ހޭލުންތެރި ކުރުވައި މައުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، ގއ. ނިލަންދޫ ޕޮލިސް ޑެސްކުން އެ ރަށުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި މާރިޗު މަހުގެ 20 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ ތެރެއިން، އެ ރަށުގެ ފިހާރަތަކާއި ހޮޓާ ރެސްޓޯރެންޓް ތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، އެ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށް ސީސީޓީވީ ކެމެރާ ހަރު ކުރުމަށާއި ކަރަންޓު ކެނޑިގެންދާ ވަގުތު އިތުރަށް ރައްކާތެރިވުމަށް އެމެޖެންސީ ލައިޓު ހަރުކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ. އަދި ކުށްކުރާ ފަރާތްތަކާމެދު ސަމާލުވުމަށާއި ކުށެއް ކޮށްފާނެ ކަމަށް ޝައްކު ކުރެވޭނަމަ ނުވަތަ ކުށެއްގެ އަމަލު ހިންގައިފިނަމަ އެކަމެއް ވީހާވެސް އަވަހަކަށް ފުލުހުންނާ ހިއްސާ ކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.
އޭގެ އިތުރުން، ވީހާވެސް ރައްކާތެރިގޮތުގައި ފައިސާ ގެންގުޅުމަށާއި ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު އޮންލައިންކޮށް ފައިސާދެއްކިކަމުގެ ސައްހަ ނޫން ސްލިޕް ފޮނުވައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކާ ގުޅޭ ގޮތުންނާއި އެފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް މައުލޫމާތު ދީފައިވެއެވެ.އަދި 18 އަހަރުން ދަށުގެ ކުދިންނާއި ބިދޭސީން ކޭޝިއަރުންގެ ގޮތުގައި ފިހާރައިގައި ނުބޭތިއްބުމަށާ އަދި ވިޔަފާރި ބަންދުކޮށްފައި ދާއިރު ފައިސާ ނުބެހެއްޓުމަށާއި ރަނގަޅަށް ތަޅުލެވުނުތޯ ޔަގީން ކުރުމަށް އިލްތިމާސް ކޮށްފައި ވެއެވެ. އަދި ކޯވިޑް 19 އިން ރައްކާތެރިވުމަށް އެޗްޕީއޭގެ އެންގުންތަކަށް އަމަލު ކުރުމަށް ނަސޭހަތްތެރި ވެފައިވެއެވެ.
އޭގެ އިތުރުން، ނިލަންދޫ ސްކޫލުގެ ގްރޭޑް 8 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މާރިޗު 17 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވެއެވެ. އެ ޕްރޮގްރާމްގައި، ރަނގަޅުގޮތުގައި ދަރިވަރުންގެ އަހުލާގު ބައްޓަން ކުރުމަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ސްކޫލާއި އެހެނިހެން ތަންތާގައި އުޅޭއިރު ދަރިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތާއި ނަމޫނާ ކުދިންތަކަކަށް ވުމަށް ނަސޭހަތްތެރި ވެފައިވެއެވެ. އަދި ބޮޑެތި މީހުންނަށް އިހުތިރާމް ކުރުމާއި މުޖުތަމައުގައި ހިންގާ ކުށްތަކާއި ކުށުގެ ވެށިން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް މައުލޫމާތު ދީފައިވެއެވެ. އަދި މުޖުތަމައުގައި ފުލުހުންގެ ދައުރާއި ފުލުހުންގެ މަސައްކަތްތަކުގެ މައުލޫމާތު ދަރިވަރުންގެ އުމުރާ ގުޅޭ ގޮތަށް ހިއްސާ ކޮށްފައި ވެއެވެ.