ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ފަޒީލް މަގާމުން ސަސްޕެންޑްކޮށްފި
ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އަހުމަދު ފަޒީލްގެ މައްޗަށް ކުރެވިފައިވާ ޖިންސީ ގޯނާގެ ތުހުމަތުތަކާއެކު އޭނާ މަގާމުން ސަސްޕެންޑްކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ފަޒީލްގެ މައްޗަށްުރެވޭ ޖިންސީ ގޯނާގެ ސީރިޔަސް ތުހުމަތުތަކާއެކު ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރުގެ މަގާމުން އޭނާ ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.
ޒުވާން އަންހެނުންނަށާއި ކުޑަކުދިންނަށް އެކި ކަހަލަ ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބުނެ ބައެއް މީހުން ދަނީ ފަޒީލަށް ތުހުމަތު ކުރަމުންނެވެ. ގަޔަށް އަތްލުމާއި ބަދުއަޚުލާގީ އަމަލުތައް ހިންގާ މަންޒަރާއި އޮރިޔާން ފޮޓޯ ފޮނުވުން އެ ތުހުމަތުތަކުގެ ތެރޭގައި ހިމެނެ އެވެ.
އެމްއާރްއެމް އިން ރޭ ބުނީ އެ ޕާޓީގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓްރީގެ މަގާމެއްގައި ހުރި ފަޒީލަށް ޖިންސީ ފުރައްސާރައިގެ ތުޙުމަތުތަކެއް ކުރެވިފައިވާތީ މައްސަލަ ބަލައި ނިމެންދެން އޭނާ މަސައްކަތުން އެކަހެރިކޮށްދެއްވުމަށް ރައީސް ސޯލިހުގެ އަރިހުން މިރޭ އެދިވަޑައިގެންފައިވާނެ ކަމަށެވެ.
މި މައްސަލަ ބަލައި ނިމެންދެން އެމްއާރްއެމް އިން ވަނީ އެ ޕާޓީގެ ހަރަކާތްތަކުން ވެސް އޭނާ ދުރުކޮށްފައެވެ. އަދި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއިބެހޭ ފަރާތްތަކާއިއެކު ފުރިހަމައަށް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ވެސް އެމްއާރްއެމް އިން ވަނީ އަރުވާފައެވެ.