މި ސަރުކާރުން ގެންދަނީ ގަސްދުގައި ރާވައިގެން ނުހައްގުން ރައީސް ޔާމީނަށް އަނިޔާ ކުރަމުން: އަދުރޭ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންދަނީ ގަސްދުގައި ރާވައިގެން ނުހައްގުން ރައީސް އަބްދުﷲ ޔާމީނަށް އަނިޔާ ކުރަމުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން އަށް ކުރަމުންދާ އަނިޔާ މިހާރުން މިހާރަށް ހުއްޓާލައި އެމަނިކުފާނު މިހާރުން މިހާރަށް މިނިވަން ކުރަން ގޮވާލާ ކަމަށެވެ.
އަދުރޭ ރޭ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ރާއްޖެ ވަށާ ދަމާލީ އަޅުވެތި ކަމުގެ ދަގަނޑު ދަލެއް ކަމަށެވެ.
"ރައްޔިތުންގެ ލޮލުގައި އެޅުވީ ކެހިވެރި ކަމާ މަކަރުވެރިކަމާއި މަކަރުވެރިކަމުގެ އަނދުނެއް، އަނގަޔާ ނޭފަތާ އެކު އެޅުވޭތޯ ބަލާނީ އަނިޔާވެރިކަމާ ބިރުވެރި ކަމުގެ މާސްކެއް." އަދުރޭ ވިދާޅުވިއެވެ.
RIMS ge sarukaarun gendhanee gasdhugai raavaigen nuhaggun RY ah aniyaa kuramun.RY ah kuramundhaa aniyaa mihaarun mihaarah huttaalaa Emanikfaanu mihaarun mihaarah minivan kurumah govaalan #FreePresidentYameenNow
— Abdul Raheem Abdulla (@Banafsaa) July 19, 2020
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު މިނިވަން ވުމާ ގުޅިގެން ރައީސް ޔާމީން ޖަލުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނެތްކަން ކަމަށް އަދުރޭ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.
އެ ހުކުމް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، ދައުލަތުން ދާދިފަހުން ވަނީ ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލާފައެވެ. އެ ދެ ދައުވާއަކީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.