އިދިކޮޅުން ކޯލިޝަނުގެ އިސްވެރިން އިންޑިއާގެ ސަފީރާ ބައްދަލުކޮށްފި
 
                                                    އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރް އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ މި ބައްދަލުވުމުގައި އިންޑިއާ އިން ރާއްޖޭގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާއި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އަދި ދިވެހިރާއްޖޭގެ މުއައްސަސާތައް ހަރުދަނާކުރުމުގައި އިންޑިޔާއިން ދިވެހިރާއްޖެއަށް އެހީތެރިވުމަށް ރާވާފައިވާ އިންތިޒާމުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމުގައިވެސް އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ.
މިބައްދަލުވުމުގައި އިދިކޮޅުގެ މުސްތަޝާރުންގެ މަޤާމުގައި ތިއްބެވި ކުރީގެ ރައީސް، ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޕީއެންސީގެ ނައިބު ރައީސުން ކަމުގައިވާ މުޙައްމަދު ޙުސައިން ޝަރީފާއި މާވަށު ދާއިރާ މެންބަރު މުޙައްމަދު ސަޢީދުގެ އިތުރަށް، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.
 
  
  
 
 
		
 
		
 
		
 
		
