ފޯން އަތުލުމުން އިންޑިއާގެ 12 އަހަރުގެ ކުއްޖަކު އަމިއްލައަށް މަރުވެއްޖެ
ފޯނުން ގޭމް ކުޅުމަށް ދެވި ހިފާފައިވާ ކުއްޖެއްގެ ފޯން އަތުލުމުން އެކުއްޖާ ދަންޖެހިގެން އަމިއްލައަށް މަރުވެއްޖެއެވެ.
އިންޑިއާގެ މުމްބާއީގައި ހިނގި މި ހާދިޘާގައި އަމިއްލައަށް މަރުވެފައިވަނީ 12 އަހަރުގެ ފިރިހެން ކުއްޖެކެވެ.
މި ހާދިޘާގެ މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ، އޮންލައިން ކްލާސްތަކަށް ތައްޔާރުނުވެ އަބަދު ފޯނުން ގޭމް ކުޅޭތީ އެކުއްޖާއާއި ، ކުއްޖާގެ މަންމަ ވާހަކަ ދެއްކި ކަމަށެވެ.އަދި ދެމައިންގެ މިވާހަކަތައް ހޫނުވެ ، ކުއްޖާގެ އަތުން މަންމަ ފޯނު އަތިުލީ ކަމަށް ފުލުހުން ބުނެފައިވެއެވެ. ކުއްޖާ ހިތްހަމަ ނުޖެހި ހިތް ނުތަނަވަސްވެ ދިޔަ ގޮތަށް ދިޔައީ ކޮޓަރިއަށް ކަމަށާއި އޭގެ ފަހުން ޚަބަރެއް ނުވެގެން ތިރީހަކަށް މިނެޓްފަހުން ކުއްޖާގެ ކޮޓަރީގެ ދޮރު ހުޅުވާލިއިރު ދަންޖެހިފައި ހުއްޓާ ފެނުނީ ކުއްޖާގެ މަންމައަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
12 އަހަރުގެ ޒުވާން ކުއްޖާ ދަން ޖެހިފައިވަނީ ދޯޕައްޓާއެއް ބޭނުން ކޮށްގެންނެވެ.ކުއްޖާ ދަންޖެހިފައި ހުއްޓާ ފެނުމާއެކު ކުއްޖާގެ މަންމަ ވަނީ އަވަށްޓެރިންގެ އެހީތެރިކަމާއެކު އެކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެކުއްޖާ މަރުވެފައިވާކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
އަމިއްލައަށް މަރުވުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ނަހީ ކުރައްވާފައިވާ ކަމެކެވެ. އަމިއްލަށް މަރުވުމާއި އެކަމަށް މަގު ފަހިވާނެ ކަންކަން ވެސް މާތްﷲ ވަނީ ޙަރާމް ކުރައްވާފައެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވާފައިވަނީ ، މި ޙަޔާތާ ވަކިވެގެންދާ ގޮތަކީ އަމިއްލައަށް މަރުވުން ކަމަށް ކުޑަމިނުން އުންމީދުވެސް ނުކުރުމަށެވެ.
މާތްﷲ ވަހީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا
މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.