މިނިވަންކަމާއެކު ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް ލިބެންޖެހޭ: އަދުރޭ
މަނީލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް މިނިވަންކަމާއެކު ސިޔާސީ މައިދާނުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީން ބަދަލުކުރަންޖެހޭނީ ގޭބަންދަށް ނޫން ކަމަށާއި މިނިވަންކަމާ އެކު ސިޔާސީ މައިދާނުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެމަނިކުފާނަށް ދޭންޖެހޭ ކަމަށެވެ. އަދި ދިވެހި ރައްޔިތުން އެދޭގޮތަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށާއި އެ ހުރިހާ ކަންކަމަކީ ހާމަކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.
"ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތަށް އެއްވެސް ބަދަލެއް ނާދޭ. ޖޯޝާ ފޯރިއާއެކު އެ މަސައްކަތް ކުރިއަށް އެބަދޭ.
"އެބޭފުޅުން ހީކުރާ ކަހަލަ ނާގާބިލު ލީޑާޝިޕެއް ނޫން އޮތީ. ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު މަސައްކަތް ކުރާ ލިޑާޝިޕެއް މިއީ،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީޕީއެމް ޖަހައިގަތުމަށް މިނިކާ ބާޒުތަކަކަށް ފުރުސަތު ނުދެއްވާނެ ކަމަށާއި ޕީޕީއެމް އިން ވެސް އަދި ޕީއެންސީން ވެސް ރައީސް ޔާމީން ފިޔަވައި އެއްވެސް ބޭފުޅަކަށް ރިޔާސީ ޓިކެޓް ނުލިބޭނެ ކަމަށެވެ.
"ރިޔާސީ ޓިކެޓްގެ އެދުންވެރިކަމުގައި އުޅުއްވާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ ޕީޕީއެމް އިން އެފުރުސަތު ލިބޭނެ ކަމަށް ހީނުކުރައްވާށޭ. ޕީޕީއެމް އިން އެފުރުސަތު ލިބިވަޑައިނުގަންނަވާނެއޭ. ޕީޕީއެމް އިން އެ ފުރުސަތު ލިބިވަޑައިގަންނަވާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށޭ. އެހެން ބޭފުޅަކަށް އެ ފުރުސަތު ނާރުވާނަން. ޕީޕީއެމް އެކަންޏެއް ނޫން. ޕީއެންސީއަކުން ވެސް އެ ފުރުސަތެއް ނުދޭނަން،" އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ޝަރީއަތް ހިނގައިދިޔައިރު ބަޔަކު މިރާއްޖޭގައި އުޅޭކަމެއް ވެސް ނޭނގޭ ކަމަށާއި ނަމަވެސް މިހާރު އެމަނިކުފާނުގެ ދިފާއުގައި ބައެއް މީހުން އުޅެން ފަށައިފި ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ކުއްލިއަކަށް ފާޅުވެގެން އެކަމުން ކުރާނެ ރާހަތެއް ނޯންނާނެ،" އަދުރޭ ވިދާޅުވިއެވެ.