ޝަހީމްގެ އިލްތިމާސް ތިނަދޫ ކައުންސިލަށް ފުރަތަމަ ފަހަރަށް އިންތިޚާބުވި ޕީޕީއެމްގެ މެންބަރުންނަށް

ގދ. ތިނަދޫގެ ރަށު ކައުންސިލަށް ފުރަތަމަ ފަހަރަށް އިދިކޮޅު ޕީޕީއެމްގެ މެމްބަރުން އިންތިހާބު ކުރުމާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު އެ ބޭފުޅުނުންނަށް އިލްތިމާސެއް ކުރައްވައިފިއެވެ.
މިއަދު ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ނިންމަވާފައިވާ ގޮތަށް، ތިނަދޫގައި އިމާރާތްކޮށްފައި ހުރި އިސްލާމީ މަރުކަޒު ހުޅުވާ، އެތަނުގެ ޚިދުމަތް ވީހާވެސް އަވަަހަށް ދެއްވަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"ތިނަދޫގެ އިސްލާމިކް ސެންޓަރ ހުޅުވާ އެތަނުގެ ޚިދުމަތް ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ދެއްވާ ރައީސް ޔާމީން ނިންމަވާފައިވާ ގޮތަށް އިސްލާމިކް ޔުނިވަރސިޓީގެ ޕްރޮގްރާމްތައް އެތާންގައި ހިންގަވާ ދެއްވަން ވާނެ" އެ ޓްވީޓްގައި ޝަހީމް ވިދާޅުވިއެވެ.
ތިނަދޫގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމުން ގޮނޑި ކަށަވަރުވެފައި ވަނީ އަހުމަދު ވަހީދު (ރަކާ) އާއި އައިޝަތު ލިއުޝާ ޒުބައިރަށެވެ. އެ ޕާޓީން އިތުރު ތިން ކެންޑިޑޭޓަކު ވެސް ތިނަދޫ ކައުންސިލަށް މި ވާދަކުރި އެވެ.
އެންމެ ފަހުން ކައުންސިލް އިންތިހާބު ބޭއްވި ދެ ފަހަރު ވެސް ކާމިޔާބު ކުރީ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ. ނަމަވެސް އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ދެ މެމްބަރަކު ވަނީ އިންތިހާބު ވެފައެވެ.