އިންޓަނެޓްގެ އަގަށް ހެޔޮ ބަދަލެއް ނާދޭ: މިނިސްޓަރ ފައްޔާޒް

އިންޓަނެޓްގެ އަގަށް ހެޔޮ ބަދަލެއް ނާންނަ ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައެއް އިންޓަނެޓް ޕެކޭޖްތަކުގެ އަގު ހެޔޮ ކޮށްފައިވީ ނަމަވެސް އެއަށް އެދެވޭ ބަދަލެއް ނާންނަ ކަމަށެވެ. އެހެން ނަމަވެސް އިންޓަނެޓް އަގުހެޔޮ ކުރުމަށް ކުރިއަށް އޮތްތާ ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު އައިސްފައިވާ ބަދަލަކީ ސަރުކާރުގެ ގުޅުން އޮވެގެން އައިސްފައިވާ ބަދަލެއް ނޫން ކަމަށެވެ.
ރައީސް ސޯލިހްގެ ވަޢުދުތަކުގެ ތެރޭގައި އިންޓަނެޓުގެ އަގުހެޔޮ ކުރުން ހިމެނެއެވެ. ފާއިތުވެދިޔަ އަހަރުތަކުގައި އިންޓަނެޓްގެ އަގަށް ބަދަލު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔައިރު މިހާތަނަށް އިންޓަނެޓްގެ އަގަށް އެއްވެސް ބަދަލެއް އައިސްފައި ނުވެއެވެ.
މިކަމާ ގުޅިގެން ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ ރާއްޖޭގައި އިންޓަނެޓްގެ އަގުތައް ހުރީ އެހެން ގައުމުތަކާއި ބަލާއިރު ހެޔޮކޮށް ކަމަށެވެ. އަދި އިންޓަނެޓްގެ އަގު ރައްޔިތުންގެ އަތްފޯރާފަށަށް ތިރި ކުރެވިފައިވާ ކަމަށް އަލީ ސޯލިޙް ވިދާޅުވިއެވެ.