ޚަބަރު

ހަރުކަށި ފިކުރު ފަތުރާ މީހުންގެ މައުލޫމާތު ސަލާމަތީ ބާރުތަކަށް ފޯރުކޮށްދޭން ޖެހޭ: އެންސީޓީސީ

ދެން އެމްވީ ، ދެން އޮންލައިން

ހަރުކަށި ފިކުރު ފަތުރާ މީހުންގެ މައުލޫމާތު ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކަށް ފޯރުކޮށްދިނުމަށް ނޭޝަނަލް ކައުންޓަރު ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ން އެދިއްޖެ އެވެ.

Ads by Sosun Fihaara

އެމްއެންޑީއެފް އިން އެލާޓް ލެވަލް "ޔެލޯ-02" އަށް ޖައްސާފައި ވަނިކޮށް އެންސީޓީސީ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށެވެ.

"މިއީ އަންނަން އޮތް ޖީލްތައް ފިކުރީގޮތުން ކުރިއަރާދިއުމާއި ގައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރިމަތިވަމުން އަންނަ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ހަރުކަށި ފިކުރުތައް ފަތުރާމީހުން ރެއާއި ދުވާލު އިންޓަނެޓްގެ ވަސީލަތްތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކާއި، ސިއްރިޔާތުގައި އެބައިމީހުންގެ ފަނާކުރަނިވި ފިކުރު ފަތުރަން ގިނަގުނަ ރޭވުންތައް ރާވާ އެބައިމީހުންގެ ފިކުރު ފެތުރުމަށްޓަކައި މަސައްކަތް ކުރަމުން ދެއެވެ." ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އެހެންކަމުން މިކްނަކަމަށް އެންމެހާ ލޮބުވެތި ރައްތިތުން ސަމާލުވެވަޑައިގަތުމަށް އެންސީޓީސީގެ ފަރާތުން އިލްތިމާސް ކުރައްވާ ކަމަށާއި މިފަދަ ނުރައްކާތަކާއި މެދު ސަމާލުވެލައްވާ، ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކާއި ބެހޭ މައުލޫމާތު ސަލާމަތީ ހިދުމަތްތަކަށް ފޯރުކޮށްދެއްވަމުން ގެންދެވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އެންސީޓީސީ އިން ވިދާޅުވިއެވެ.

މައުލޫމާތު ހިއްސާ ކުރެއްވުމަށް އެންސީޓީސީގެ [email protected] އަށް އީމެއިލް ކުރެއްވުމަށާއި އެސެންޓަރުގެ ނަމްބަރ 1615 އަށް ގުޅުވުމަށް ނުވަތަ ފުލުހުންނާއި މައުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުންގެ [email protected] އަށް އީމެއިލް ކުރެއްވުމަށާއި ފުލުހުންގެ ނަމްބަރ 9704000 އަށް ގުޅުވުމަށް ވެސް އެންސީޓީސީ އިން އެދިފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!