ްްއެލާޓަށް ނިކުންނަށް ޖެހޭ ސަބަބެއް ހާމަކޮށްފައި ނުވާތީ ކަންބޮޑުވޭ:އިދިކޮޅު
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ބުނިއިރު، އެލާޓަށް ނުކުންނަން ޖެހޭ ސަބަބެއް ހާމަކޮށްފައި ނުވާތީ އިދިކޮޅު ދެ ޕާޓީން ވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން ފެށި އޮޕަރޭޝަނާ ގުޅޭ ގޮތުން ބުނީ މިރޭ ހަތެއް ޖަހާއިރުން ފެށިގެން ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސައި "ޔެލޯ2" އަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި ހަތިޔާރާ އެކު ސިފައިން ހަރަކާތްތެރިވާނެ ކަމަށާއި ކަނޑުމަތީ އުޅަނދުފަހަރުތައް ހުއްޓުވައި ބަލައި ފާސް ކުރަމުން ދާނެ ކަމަށެވެ.
މިކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އެފަދަ އޮޕަރޭޝަނެއް ހިންގާއިރު ރައްޔިތުންނަށް މި ވެގެން އުޅޭ ގޮތެއް ސާފުވާން ޖެހޭ ކަމަށާއި އެއީ ކޮން މަގްސަދެއްގައި ކޮން ބޭނުމެއް ހާސިލު ކުރަން ކުރާ ކަމެއް ކަން ރައްޔިތުންނަށް ވަރަށް ސާފުކޮށްދޭން އެބަ ޖެހޭކަމަށެވެ. އެހެން ނޫންނަމަ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމެއް އުފެދިގެން ދާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"ގައުމީ ސަލާމަތަށްޓަކައި ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކަށް އެ ދެ ޕާޓީން އަބަދުވެސް އެއްބާރުލުން ދޭނެ. އެކަމަކު އެއްވެސް ސަބަބެއް ހާމަނުކޮށް ސިފައިން އެ ގޮތަށް ހަރަކާތްތެރިވުމަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމެއް އުފެދޭނެ ކަމެއް." އޭނާ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި އެއީ ސަރުކާރުން އެހެން ދީންތަކަށް ރާއްޖޭގައި ފުރުސަތު ދިނުމުގެ ގޮތުން މީހުންގެ ހިތްތަކުގައި އިސްލާމް ދީނާ މެދު ނަފުރަތު އުފައްދަަން ކުރާ މަސައްކަތެއް ކަމަށެވެ.
އެމްއެންޑީއެފްގެ ސްޓޭޓަސް "ޔެލޯ2" އަށް ޖައްސާނީ ގައުމުގެ އަމަންއަމާން ކަމަށް ބުރޫއަ އަރާ ފަދަ ކަމަކާ ކުރިމަތާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުންނެވެ.