ޖަލު އޮޑިޓުގެ އިސްލާހުތައް ތަންފީޒުކުރަން ހާއްސަ ކޮމެޓީއެއް
"ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019" ގެ ހުށަހެޅުންތަށް ތަންފީޒުކުރަން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފިއެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު އެކުލަވާލި ކޮމިޓީގައި ފަސް މެމްބަރުން ތިއްބަވަ އެވެ.
އެމްސީއެސް އިން ކުރި ޓްވީޓެއްގައި ބުނި ގޮތުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު އެކުލަވާލެއްވި ކޮމިޓީން ތަންފީޒުކުރާނީ އަދި ތަންފީޒުކުރެވޭ މިންވަރު ބަލާނީ، އިސްލާހުކުރަން ރިޕޯޓްގައި އެ ކޮމިޝަނަށް ހުށައަޅާފައި ހުރި ކަންކަން ކަމަށެވެ.
މިކޮމެޓީގެ މެމްބަރުންނާއި ބައްދަލުކުރައްވާ ހުށަހެޅުންތައް ތަންފީޒުކުރުމަށް ކުރަންހުރި މަސައްކަތްތައް ހާއްސަ އިސްކަމެއް ދެއްވާއިގެން ކޮއްދެއްވުމަށް ސީޕީ އަހުމަދު ވަނީ އެދިވަޑައިގެންފައެވެ.
ޖަލު އޮޑިޓް ރިޕޯޓަކީ ތަފާތު އެކި ގޮތްގޮތުން އެއްކުރެވިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި، އެ ހާލަތު އެގޮތުގައި އޮތް ސަބަބުތަކާއި، އަދި އެކަންކަން އިސްލާހު ކުރުމަށް އަޅަންވީ ފިޔަވަޅުތައް ވެސް ހިމެނޭގޮތަށް އެކުލަވާލާފައިވާ ތަފްސީލީ ރިޕޯޓެކެވެ.
އެގޮތުން އެ ރިޕޯޓުގައި ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތުމާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި ޒުވާނުންގެ އަދަދު ގިނަކަމާއި، މަސްތުވާތަކެތީގެ ޤާނޫނަށް ބަދަލުގެނެވިފައި ވީނަމަވެސް ކުރީގެ ހަރުކަށި ޤާނޫނޫ ދަށުން 25 އަހަރަށް އަދިވެސް މީހުން ޖަލަށް ލާފައި ބައިތިއްބުމާއި، މުއްދަތެއް ނެތްގޮތަށް ތަފާތު މައްސަލަތަކުގައި ދިވެހިންނާއި، ބިދޭސީން ރިމާންޑް ޖަލުގައި ބައިތިއްބާފައިވާކަން ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޖަލުގެ ކެޕޭސިޓީއަށްވުރެ އިތުރަށް މާލެ ޖަލާއި، މާފުށި ޖަލުގައި މީހުން ވަނީ ބައިތިއްބާފައެވެ.