ދުނިޔެ

އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
{"origin":"gallery","uid":"9C56DF0B-7175-4C7E-95AA-501FDF9530F0_1621042673596","source":"other"}

އަރަބިކަނޑުގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު، ތޫފާނަކަށް ބަދަލުވެއްޖެއެވެ.

Ads by Sosun Fihaara

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެގައުމުގެ މީޓްރޮލޮޖީ ޑިޕާޓްމަންޓުން ބުނާ ގޮތުގައި ލަކްޝަދީބް މަތީގައި، އަރަބިކަނޑުގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށާއި މި ތޫފާން ދަތުރުކުރަމުން ދަނީ އިންޑިއާގެ ހުޅަނގު ބިތާ ދިމާއަށް، (ރާއްޖެއާ ދުރަށް) ގަޑިއަކު ހަތް ކިލޯމީޓަރު ބާރުމިނުގައެވެ.

މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައި ވަނީ ރާއްޖެއަށް ފަތިހުއެވެ.

އިންޑިއާގެ މީޓްރޮލޮޖީން ލަފާ ކުރާ ގޮތުގައި މި ތޫފާން ހަތަރު ދުވަހަށް ދެމިގެންދާނެއެވެ. އެގޮތުން ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން އިންޑިއާގެ މީޓްރޮލޮޖީ ޑިޕާޓްމަންޓުން ލަފާކޮށްފައިވާ ގޮތުން ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭ މި ތޫފާނުގެ ބާރު އިތުރަށް ގަދަވެ، ބާރުގަދަ ތޫފާނަކަށް ބަދަލު ވާނެއެވެ. އަދި ތޫފާނުގެ ބާރު އެންމެ ގަދަ އެއް މަރުޙަލާގައި އެޤައުމުގެ ގުޖުރާތުގެ އައްސޭރިއަށް ތޫފާނުގެ އަސަރު މި މަހު 18ވަނަ ދުވަހު (އަންގާރަ) ކުރާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މި ތޫފާނަށް އިންޑިއާއިން ވަނީ ނަމެއް ވެސް ދީފައެވެ. އެގޮތުން އެގައުމުގެ މީޓްރޮލޮޖީން ހާމަކޮށްފައިވާ ގޮތުގައި މި ތޫފާނުގެ ނަމަކީ “ޓައުޓޭ”އެވެ.

މި ތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ވެސް ކުރަމުންދާނެ ކަމަށް ލަފާ ކުރެވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ވެސް ދަނީ ގަދަވަޔާއެކު ވިއްސާރަ ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!