ކޮރޯނާ ވައިރަސް ލަންކާއިން ވެސް ފެނިއްޖެ
ހަލުވި ކަމާ އެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަހުން ބަލި ޖެހިފައިވާ މީހަކު ސްރީލަންކާ އިން ވެސް ފެނިއްޖެއެވެ.
ލަންކާގެ ހެލްތް މިނިސްޓްރީން ބުނާގޮތުގައި ކޮރޯނާ ވައިރަސް ފެނިފައިވަނީ މި ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ޗައިނާގެ ހުބޭއި ޕްރޮވިންސުން ލަންކާ އަށް އައި ޗައިނާގެ އުމުރުން 43 އަހަރުގެ އަންހެނެއްގެ ގައިން ކަމަށެވެ.
ހޮސްޕިޓަލުގައި އެޑްމިޓްކޮށް އޭނާ އަށް މިހާރު ފަރުވާދެމުންދާއިރު، މި ބަލި ފެތުރުނަ ނުދިނުމަށްޓަކާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ލަންކާ އިން ބުނެއެވެ.
ލަންކާ އަކީ މި ބަލި ޖެހިފައިވާ މީހަކު ފެނުނު ދެކުނު އޭޝިއާގެ ދެވަނަ ގައުމެވެ. ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުން ދެން މި ބަލި ޖެހިފައިވާ މީހަކު ފެނިފައިވަނީ ނޭޕާލުންނެވެ.
މީގެއިތުރުން މި ބައްޔަށް ޝައްކު ކުރެވޭ ބައެއްގެ ޓެސްޓުތަކެއް އިންޑިއާގައި ވެސް ހަދަމުންދާއިރު، އަދި މިހާތަނަށް އެ ގައުމުން މި ބައްޔަށް އެއްވެސް މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.
ޗައިނާގެ ވޫހާން ސިޓީގައި ފެތުރެން ފެށި މި ވައިރަހުގެ އަސަރު މިހާތަނަށް ޗައިނާގެ 2000 އަށްވުރެ ގިނަ މީހުންނަށް ކޮށްފައިވާއިރު 80 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ. ޗައިނާގެ އިތުރުން އެހެން ބައެއް ގައުމުތަކުން ވެސް މި ވައިރަހުގެ އަސަރު ހުރި ފަރާތްތަށް ވަނީ ފެންނަން ފަށާފައެވެ.