ނުރައްކަލެއް ނެތް އެލާޓް މަތިކުރީ ފަތުރުވެރިންގެ ރައްކަލަކަށް: ސަރުކާރު
އެމްއެންޑީއެފްގެ އެލާޓް ލެވަލް މަތިކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރީ ނުރައްކަލެއް އޮވެގެން ނޫންކަމަށާއި އެލާޓް ލެވަލް މަތިކުރީ ގިނަ އަދަދެއްގެ ފަތުރުވެރިން މިދުވަސްވަރު ރާއްޖެ އަންނާތީ ސަލަމާތާއި ރައްކާތެރިކަން އިތުރަށް ޔަގީންކުރަން ކަމަށް ސަރުކާރުން ބުނެފިއެވެ.
ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސައި "ޔެލޯ 2" އަށް ވަނީ ބަދަލު ކޮށްފައިވަނީ ރޭ 7:00 އިރުއެވެ. މި އެލާޓަކީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާން ކަމަށް ބުރޫއަ އަރާ ފަދަ ކަމަކާ ކުރިމަތާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުން ނެރޭ އެލާޓެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އެލާޓް ލެވެލް މަތިކުރީ މި ދުވަސްވަރަކީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ރާއްޖެ އަންނަ ދުވަސްވަރަކަށްވާތީ، ފަތުރުވެރިންގެ ސަލަމާތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް ކަމަށެވެ. އެކަން ކޮށްފައިވަނީ ދިވެހިންނަށް ވެސް ނުވަތަ ފަތުރުވެރިންނަށްވެސް ސީދާ ނުރައްކަލެއް އޮވެގެން ނޫން ކަމަށް ހޫދު ވިދާޅުވިއެވެ.
"ވިޖިލަންސް އެކްސައިޒްކުރުމަކީ ނެތްކަމެއް ނޫން. އޭގެ މާނައަކީ ދިވެހިންނަށް ވެސް ނުވަތަ ޓޫރިސްޓުންނަށްވެސް ސީދާ ނުރައްކަލެއް އޮވެގެންނެއްނޫން އެކަން ކުރަންޖެހޭނީ،" ހޫދު ވިދާޅުވި އެވެ.
އެމްއެންޑީއެފް އިން ބުނީ، އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސާ "ޔެލޯ-2" އަށް ބަދަލުކޮށް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާއިއެކު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި މި އޮޕަރޭޝަންގައި ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރަމުން ގެންދެވޭނެ ކަމަށެވެ.